ސިވިލް ސާވިސް ކޮމިޝަން

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ މުވައްޒަފަކަށް އަލުން ވަޒީފާ ދޭން އަމުރުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާގައި ތިބި ދެމީހަކު، ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ވަކިކުރުމުން އަލުން ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފިއެވެ.

ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރި ކަމަށްބުނެ، ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފައިވަނީ ގއ. ވިލިގިލީ ވެލިދޫގެ ހިދާޔަތު އަހުމަދާއި، ގއ. ވިލިގިލީ މަންޒިލް، ޒުލްފީނާ އަހުމަދެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި އެ ދެ މައްސަލަ ބެލުމަށްފަހު މިއަދު ބުނެފައިވަނީ 31 އޮކްޓޯބަރު 2018 ގައި ޒުލްފީނާ އަހުމަދާއި ހިދާޔަތު އަހުމަދު، ވަޒީފާއިން ވަކިކުރުމުން، ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން ބެލި ބެލުމުގައި ޒުލްފީނާ އަހުމަދާއި ހިދާޔަތު އަހުމަދު، ވަޒީފާއިން ވަކިކޮށްފައިވަނީ އެއްވެސް ނޯޓިސްއެއް ދިނުމަކައި ނުލައި، ވަޒީފާއާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާއާއި 29 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

އަދި ޒުލްފީނާއާއި ހިދާޔަތު ވަކިކޮށްފައިވަނީ ސިވިލް ސާވިސްގެ ގަވާއިދުގެ 273 ވަނަ މާއްދާއާއި އަދި ސިވިލް ސާވިސްގެ ގާނޫނުގެ 47 ވަނަ މާއްދާގެ ނ. އާ ހިލާފަށް ކަމަށެވެ.

އެހެންކަމުން ވަޒީފާއާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ ހ. ގެ އެއްވަނަ ނަމްބަރަށް ރިއާޔަތްކޮށް ޒުލްފީނާއާއި ހިދާޔަތު ކުރިން އަދާކުރި ވަޒީފާގައި އަލުން ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

އެ ދެމީހުންނަކީ ވަޒީފާއިން ވަކިވެފައިވާ ދެ މީހުން ކަމަށް ނުބަލައި އެދެމީހުން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ހަމަޖައްސައިދޭ ދުވަހާ ހަމައަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް މިއަދުން ފެށިގެން 14 ދުވަސްތެރޭގައި ހަމަޖައްސައި އެކަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.

ޒުލްފީނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ލީޑިން ޓީޗަރެއްގެ ގޮތުގައި ހުންނަވަނިކޮށެވެ. އަދި ހިދާޔަތު އަހުމަދު ވަޒީފާއިން ވަކިކޮށްފައިވަނީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރެއްގެ މަގާމުގައި ހުންނަވަނިކޮށެވެ.