ދުނިޔެ

ގާޒާއިން 400 އަށްވުރެ ގިނަ މަރު، 91 ކުޑަކުދިން ހިމެނޭ

އައިޝަތު އަފްޝަން

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން 400 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހަމަލާތަކުގައި ގާޒާއިން މިހާތަނަށް 436 މީހުން ވަނީ މަރުވެފައެވެ. އަދި އޭގެ ތެރޭގައި 91 ކުޑަކުދިންނާއި 61 އަންހެނުން ހިމެނެއެވެ.

މަރުވި މީހުންގެ ތެރޭގައި އަށް އާއިލާއެއްގެ އެންމެން މިހެނޭހެން 54 މީހުން މަރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. އޭގެ އިތުރުން 2،300 މީހަކަށް އެ ހަމަލާތަކުގައި އަނިޔާ ލިބިފައިވާ ކަމަށް ވެސް މިނިސްޓްރީއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އދ. އިން ބުނެފައިވާ ގޮތުގައި އިސްރާއީލުން ގާޒާގެ މީހުން ދިރިއުޅޭ އިމާރާތްތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ގާޒާގެ 123،000 އަށްވުރެ ގިނަ މީހުން ވަނީ މަގުމަތިވެފައެވެ. އަދި ރައްކާތެރިކަން ހޯދުމަށް ގިނަ ބަޔަކު ސްކޫލުތަކަށް ޖަމާވެފައިވާ ކަމަށްވެސް ބުންޏެވެ.

ހަމާސް އާއި އިޒްރޭލާ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގައި އިޒްރޭލުން 700 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު،. 2،300 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި އިސްރާއީލުގެ 73 ސިފައިންވެސް ވަނީ މަރުވެފައެވެ.