ދުނިޔެ

އަފްގާނިސްތާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2000 އިން މައްޗަށް

މުހައްމަދު އައުޒަމް

އަފްގާނިސްތާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2000 އަށް އަރައިފިއެވެ.

ހޮނިހިރު ދުވަހު އަފްގާނިސްތާނުގެ ހެރަތް ސިޓީއަށް ރެކްޓަ މިންގަނޑުން 6.3 މެގްނިޓިއުޑް ބާރުމިނުގައި އައި ބިންހެލުމާއެކު އެސިޓީއަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.

ބިން ހެލުން އައުމާއެކު ވެއްޓުނު އިމާރާންތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

އަފްގާނިސްތާނުގެ ވެރިކަން ކުރާ ތާލިބާނުންގެ ތަރުޖަމާނު ވަނީ އެސިޓީއަށް ބިންހެލުން އައުމާއެކު 1320 ގެއެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެފައިވާ ކަމަށް ބުނެފައެވެ.

ހާދިސާގައި މަރުވި މީހުންގެ ޖުމްލަ އަދަދު 2053 އަށް އަރާފައިވާ އިރު، މިހާތަނަށް 1240 މީހުންނަށް އެކިވަރުގެ އަނިޔާވެގެން ފަރުވާދެމުންދާ ކަމަށް ތަރުޖަމާނު މައުލޫމާތު ދެއްވައެވެ.

ބިންހެލުމަށްފަހު ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް އދ. ގެ ޓީމުތައް ދަނީ އެސިޓީގައި ހަރަކާތްތެރިވަމުންނެވެ.