ދުނިޔެ

ޗަންދްރަޔާން-3: ހަނދުގައި ހަރަކާތްތެރިވާ އުޅަނދު ނުހޭލުމުން އުއްމީދު ކަނޑާލައިފި

މުހައްމަދު އައުޒަމް

ޗަންދްރަޔާން-3 އިން ހަނދުގައި ހަރަކާތްތެރިވާ އުޅަނދު ނުހޭލުމުން އުއްމީދު ކަނޑާލައިފިއެވެ.

އިންޑިއާގެ މައި ޖައްވީ އިދާރާ، އިސްރޯއިން ވަނީ ހަނދުގައި ހަރަކާތްތެރިވާ ދެ އުޅަނދު ވެސް ނުހޭލި ކަމަށާއި ދެ އުޅަނދު ހޭލެއްވުމަށް އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ނިންމާފައެވެ.

އިސްރޯގެ ޗެއާމަން އޭ އެސް ކިރަން ކުމާރު ވަނީ ވީ ކަމެއް ވީކަމަށް ނިންމައި އިތުރަށް މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

އިސްރޯ އިން ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެއީ ހަނދަށް އިރުގެ އަލިކަން ލިބެން ފަށާނެ ދުވަސް ކަމަށާއި ހަނދުގައިވާ ދެ އުޅަނދުގައި ހުންނަ ސޯލާ ޕެނަލްތަކުން ހަކަތަ ލިބި ދެ އުޅަނދުވެސް މަސައްކަތް ކުރަން ފަށައި ދުނިޔެއަށް ސިގުނަލް ލިބޭނެކަމަށް ބަލައި މަސައްކަތް ފަށާފައެވެ. ނަމަވެސް އެ މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.

އިސްރޯ އިން ވަނީ ޗަންދްރަޔާން-3 އިން ހަނދުގައި ކުރަން ނިންމި ކަންކަން ފުރިހަމަ ވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އަލުން އެ މިޝަންގައި ހަނދުގައި ހަރަކާތްތެރިވާ ދެ އުޅަނދުގެ ސިގުނަލް ލިބުނު ނަމަ އެއީ ބޯނަސްއެއް ކަމަށްވެސް ބުނެފައިވެއެވެ.