އެމްއެންޑީއެފް

ސިފައިންގެ ފޮޓޯ މައުރަޒު ކުޑަކުދީންގެ ހަވީރަކާއެކު ރެހެންދި ސްކޫލްގައި

މަރިޔަމް ޝަހުދާ

ސިފައިންގެ ފޮޓޯ މައުރަޒު ކުޑަކުދީޯންގެ ހަވީރަކާއެކު ރެހެންދި ސްކޫލްގައި ބޭއްވަން ހަމަޖައްސައިފި އެވެ.

އަށާރަ އޭޕްރީލް ވާ ބުރާސްފަތި ދުވަހު އަދި 19 ވާ ހުކުރު ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވާ މި ފޮޓޯ މައުރަޒަކީ ދިވެހި ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން މި ފަހަރުގެ ފޮޓޯ މައުރަޒަކީ ސިފައިން ކުރިއަށް ގެންދާ 23 ވަނަ ފޮޓޯ މައުރަޒެވެ.

ކުޑަކުދީންގެ ހަވީރު ކުރިއަށްދާނީ ހުކުރު ދުވަހު ހަވީރު 16:00 އިން 18:00އަށް ރެހެންދި ސްކޫލް އޯޕަން އޭރިއާގައި ކަމަށް އެމްއެންޑީއެފުން މައުލޫމަތު ދެއެވެ. މި ހަވީރުގައި ކުޑަކުދީންނަށް ހާއްސަ ކުޅިވަރުތަކުގައި ބައިވެރިވުމުގެ އިތުރުން ސިފައިން ބޭނުން ކުރާ ބައެއް އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެމްއެންޑިއެފުން ބުނެއެވެ.

ފޮޓޯ މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވަނީ ބުރާސްފަތި ދުވަހު ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. އަދި ހުކުރުދުވަހު މެންދުރު ފަހު 14:00އިން 15:00 އަށާއި 16:00 އިން 18:00އަށް އަދި ރޭގަނޑު 20:00 އިން 22:00އަށް ވެސް ފޮޓޯ މައުރަޒު ކުރިޔަށް ގެންދަން ވަނީ ނިންމައިފަ އެވެ.