މުހައްމަދު އައުޒަމް
ސައުދީ އަންހެނަކު ފަލި ޖަހައި ހަމޭލަށް ދަތުރުކޮށް ދުނިޔޭގެ ރެކޯޑެއް މުގުރާލައިފިއެވެ. މި އަންހެން އެތުލީޓް ވަނީ 57 މިނެޓާއި 24 ސިކުންތު ތެރޭ، 6.2 މޭލަށް ދަތުރުކޮށްފައެވެ.
ކަރީމަން އަބުލްޖަދިޔާލް ނަމަކަށް ކިޔާ އެމީހާ އަކީ 2016 ވަނަ އަހަރު ރިއޯގައި ބޭއްވި އޮލިމްޕިކްސް ގޭމްސްގައިވެސް 100 މީޓަރު ރޭހުން ގޯލްޑް މެޑަލް ހާސިލް ކުރި މީހެކެވެ.
ކަރީމަން ވަނީ ސައުދީގެ ވެރިރަށް ޖިއްދާގެ އައްސޭރިފަށާ ދިމާލުން ރަތް ކަނޑުގައި ފަލި ޖަހައި އެ ރެކޯޑު ގާއިމްކޮށް ދުނިޔޭގެ އެންމެ އަވަހަށް ފަލި ޖެހި އަންހެނާގެ ރެކޯޑު މުގުރާލާފައެވެ. ސައުދީގެ އޮފިޝަލުން ވަނީ ކަރީމަންގެ ހިތްވަރަށް ތައުރީފުކޮށްފައެވެ. އޭނާ މި ރެކޯޑު ގާއިމް ކުރީ ގަދަ ހޫނުގައި ކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
މި ރެކޯޑު ގާއިމުކުރުމަށްފަހު ކަރީމަން ބުނެފައިވާ ގޮތުގައި އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އޮއިވަރެވެ. އޭނާ ފަލިޖަހަން ފެށި އިރު އޮއިވަރު ހުރިގޮތުން ގިނަ އުނދަގޫތަކެއް ކުތރިމަތިވި ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
"އޮޔާ ދެކޮޅަށް ފަލިޖަހަން ބޮޑު ގޮންޖެހުމަކަށް ވި. އިތުރު ހިތްވަރާއެކު މަސައްކަތްކޮށްގެން މަގުސަދު ހާސިލު މިވީ." ކަރީމަން ބުނެފައިވެއެވެ.
ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިން ވަނީ ކަރީމަން ރެކޯޑް ގާއިމް ކުރިކަން ކަށަވަރުކޮށް އޭނާއަށް ސެޓްފިކެޓު ދީފައެވެ.