ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލައިފި އެވެ.
އިއްޔެ ގެޒެޓު ކުރި އެ އުސޫލަކީ ރާއްޖެއިން މީހުން ހައްޖަށް ގެންދާ ފަރާތްތަކުގެ އިތުރުން ހައްޖުވެރިންގެ ހައްގުތަށް ހިމާޔަތްކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން އެކުލަވާލި އުސޫލެކެވެ. މި އުސޫލާއެކު ހައްޖަށް ދާން ބޭނުންވާ ރައްޔިތުންގެ ފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ގޮތަކާއި ރަނގަޅު ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. މި އުސޫލުގެ ދަށުން ރާއްޖެއިން މީހުން ހައްޖަށް ގެންދާ ކުންފުނިތައް ޒިންމާދާރު ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީއިން އިއްޔެ ވަނީ ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލައިފައެވެ. އެގޮތުން ޕްރޮޕޯޒަލް ހުޅުވާލާފައިވަނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮތް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ %100 ދިވެހި ކުންފުނިތަކަށެވެ. ޕްރޮޕޯޒަލް ހުށަހަޅާ ކުންފުނިތަކުގެ ވެރިންނަކީ އެމީހެއްގެ މައްޗަށް ޖިނާއީ ހުކުމެއް ތަންފީޒު ކޮށްފައިވާ، ނުވަތަ ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން ޝަރުތު ތަކުގެ ތެރޭ ހިމެނެއެވެ.
މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ރާއްޖެއިން މީހުން ހައްޖަށް ފޮނުވުމަށް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުން ސައުދީ އަރަބިއްޔާގެ ރަސްމީ ފަރާތްތަކަށް ނުވަތަ ހައްޖުގެ އެއްވެސް ކަމަކާ ގުޅުން ހުރި ފަރާތަކަށް ފައިސާއެއް ދައްކަން އޮތުން، ފައިސާ ނުދައްކާ އޮތުން ނުވަތަ ގަވައިދުން ފައިސާ ނުދައްކާ ކުންފުންޏަކަށް ވެގެން ނުވާނެއެވެ. މީގެ އިތުރުން ގާނޫނަކާއި ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކަށް ޓެކުހެއް، ނުވަތަ ފީއެއް، ނުވަތަ އަގެއް، ނުވަތަ ކުއްޔެއް، ނުވަތަ ރޯޔަލްޓީއެއް، ނުވަތަ ސާބިތު ދަރަންޏެއް ނުވަތަ ޖުރިމަނާއެއް ދައްކަން ނުޖެހޭ ކުންފުންޏަކަށް ވާން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިމަހު 18 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވައިލައިފަ އެވެ.