ދުނިޔެ

ގޫގުލް އިން މާދަމާ އެންޑްރޮއިޑް އޯއެސް 14 ނެރެނީ

އެންޑްރޮއިޑް އޯއެސްގެ އެންމެ ފަހުގެ އަދަދު 14 މާދަމާ ނެރެން ގޫގުލް އިން ނިންމައިފިއެވެ.

މި އޯއެސްގެ ފުރަތަމަ ޑިވެލޮޕާ ޕްރިވިއު ވާޝަން ގޫގުލް އިން ވަނީ މިއަހަރުގެ ކުރީކޮޅު ނެރެފައެވެ. ޑިވެލޮޕާ ޕްރިވިއު އާއި ޕަބްލިކް ބީޓާގެ ސިލްސިލާ ރިލީޒްތަކަށް ފަހު، އެންޑްރޮއިޑް 14 ގެ ސްޓޭބަލް ވާޝަން މިދިޔަ މަހު ނެރޭނެ ކަމަށް ބެލެވުނެވެ.

އެހެން ނަމަވެސް ރިލީޒްކުރުން ފަސްކޮށް، އެންޑްރޮއިޑް 14 ގެ ސްޓޭބަލް ވާޝަން މާދަމާ ނެރެން ވަނީ ނިންމައިފައެވެ. ރަސްމީ އެންޑްރޮއިޑް އޯއެސް 14 ވަނަ އަދަދު މާދަމާ ލޯންޗު ކުރަން ނިންމާފައިވަނީ ގޫގުލްގެ އަމިއްލަ ފޯނު، ޕިކްސެލް ލޯންޗް އިވެންޓާ ދިމާކޮށެވެ.

ގޫގުލްގެ އިވެންޓުގެ ތެރެއިން މާދަމާ ޕިކްސެލް 8 އަދި ޕިކްސެލް 8 ޕްރޯ ސްމާޓްފޯނު ތައާރަފް ކުރަން ނިންމާފައިވާ އިރު، ޕިކްސެލް ވޮޗް 2 އާއި ޕިކްސެލް ބަޑްސް ޕްރޯ އަށް އާ ބައެއް ކުލަތައް ވެސް ތައާރަފު ކުރާނެއެވެ. ޕިކްސެލް 8 އަދި ޕިކްސެލް 8 ޕްރޯގައި ބްރައިޓް އޯއެލްއީޑީ ސްކްރީންތަކެއް ހުންނަ އިރު، ފުރަތަމަ ސްކްރީން 2،000 ނިޓް އަދި ދެވަނަ ސްކްރީން 2،400 ނިޓް މާކްސް އަށް އަތްލާނެއެވެ. އަދި އާ ޓެންސާ ޖީ3 ޕްރޮސެސަރާއި ރަނގަޅު ކެމެރާތަކާއި ހަތް އަހަރާ ހަމައަށް ސޮފްޓްވެއާ އަޕްޑޭޓް ސަޕޯޓް ދޭނެއެވެ.

ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި ސެމްސަންގުން ގޫގުލްއާ އެއް ދުވަހަކު ނުވަތަ ހަފުތާއެއް ފަހުން ވަން ޔޫއައި 6.0 ގެ ސްޓޭބަލް ވާޝަން ނެރެވޭނެއެވެ. ނަމަވެސް ޓިޕްސްޓާ އައިސް ޔުނިވާސް އިން ބުނެފައިވާ ގޮތުގައި ސެމްސަންގުން ރާވާފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު ސްޓޭބަލް ވަން ޔޫއައި 6.0 އަޕްޑޭޓް ނެރުމަށެވެ. އެހެން ކަމުން އަދި އިތުރު އެއް ބީޓާ ރިލީޒް ކުރާނެއެވެ. އެކުންފުނިން މިހާރުގެ ޖީލުގެ ގެލެކްސީ އެސް ސީރީޒްގެ ފޯނުތަކަށް އާ އެންޑުރޮއިޑް އޯއެސް ނެރޭނީ އަދި ދުވަސް ކޮޅެއް ފަހުންނެވެ.

އެންޑުރޮއިޑް އޯއެސް އިން ހިންގާ ފޯނުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރަމުންދާ އިރު، އެކިއެކި ބުރޭންޑް ތަކުގެ ފޯނުތަކުގައި އެންމެ ގިނަ އިން ބޭނުން ކުރާ އޯއެސް އަކީ ވެސް އެންޑުރޮއިޑެވެ. ގޫގުލް ކުންފުނީގެ ފަރާތުން އުފައްދާފައިވާ އެންޑުރޮއިޑް އޯއެސް އަކީ އޯޕަންސޯސް އެއްޗެއް ކަމުން ގިނަ ބުރޭންޑްތަކެއްގެ ފޯނުގައި މި އޮޕަރޭޓިން ސިސްޓަމް ބޭނުން ކުރެވެއެވެ. އެހެން ކަމުން ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުން ކުރާ ފޯނުތަކުގައި ހިންގާނީ އެންޑުރޮއިޑްއެވެ.