ސްޓެލްކޯ

ކަރަންޓް ކެނޑެނީ ހޫނުގަދަވުމުން ލޯޑު ބޮޑުވާތީ: ސްޓެލްކޯ

މާލެއިން ކަރަންޓް ކަނޑާލަންޖެހެނީ މިދުވަސްވަރު ހޫނު ގަދަވުމުން ލޯޑު ބޮޑުވާތީ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މާލޭގެ ބޮޑު ބަޔަކުން މިއަދު ކަރަންޓް ކެނޑުމާ ގުޅިގެން ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކަރަންޓް ކަނޑާލަން ޖެހެނީ ލޯޑު ބޮޑުވާތީ ކަމަށެވެ. އަދި އެކަން ކުރިމަތިވަމުންދަނީ ހޫނު ގަދަވުމުން ކަމަށް ބުނެފައިވެއެވެ.

އަދި ކަރަންޓު ކަނޑާލައި ސަރަޙަދުތަކަށް ގިނަވެގެން އެއްގަޑިއިރު ތެރޭގައި ކަރަންޓު ލިބޭނެކަމަށްވެސް ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ. ގިނައިން ކަރަންޓު ބޭނުންވާ ޒާތުގެ ސާމާނު ވީވަރަކުން މަދުން ބޭނުން ކުރުމަށްވެސް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކަރަންޓް ކަނޑާލަން ޖެހުމުން އާންމުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފައެވެ. މިދުވަސްވަރު ހޫނުގަދަވުމުގެ ސަބަބުން މާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑަމުންދާއިރު، ބައެއް ރަށްރަށުގައިވެސް ހޫނު ގަދަވުމުން ލޯޑު ބޮޑުވާތީ ކަރަންޓް ކަނޑަމުންދާކަމަށް ފެނަކައިން ވެސް ވަނީ ބުނެފައެވެ.