އިސްލާމިކް މިނިސްޓްރީ

ރާއްޖޭގެ ހުރިހާ ރަށެއްގައި އިސްތިސްޤާ ނަމާދުކޮށްފި

ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު މެންދުރު ނަމާދަށްފަހު އިސްތިސްޤާ ނަމާދުކޮށްފިއެވެ.

މާލޭގައި އިސްތިސްޤާ ނަމާދު ކުރީ އިސްލާމީ މަރުކަޒުގައެވެ. އަތޮޅުތަކުގައި އިސްތިސްޤާ ނަމާދުކޮށްފައިވަނީ އެރަށެއްގައި ހުރި ބޮޑު މިސްކިތުގައެވެ.

މާލޭގައި އިސްތިސްޤާ ނަމާދު އިމާމުވެ ކޮށްދެއްވީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒެވެ. މާލޭގައި ކުރި ނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.

ވާރޭ ނުވެހި ގިނަދުވަސް ވެފައިވާއިރު މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ހޫނު ގަދަ ދުވަސްވަރެކެވެ. އަދި ހޫނުގަދަ ވުމުގެ ސަބަބުން ގިނައިން ފެން ބުއިމަށް ސިއްހީ މާހިރުން ވަނީ އިލްތިމާސްކޮށްފައެވެ.

އިސްތިސްޤާ ނަމާދަކީ ވާރޭ ނުވެހި ގިނަ ދުވަސްވުމުންނާއި އަދި އެކިއެކި މުސީބާތްތައް މެދުވެރިވުމުން ކުރާ ސުންނަތް ނަމާދެކެވެ. މި ނަމާދުގައި ހުތުބާ ކިޔުމަށްފަހު ދުއާކުރެއެވެ.