މުހައްމަދު އައުޒަމް
ސަބްމެރިން ޑެކުމަތީ ތިއްބައި ޖެހި ރާޅާއެކު އެފްރިކާގެ ނޭވީ ތިން މީހުން މަރުވެއްޖެއެވެ.
ދެކުނު އެފްރިކާގެ ނޭވީގެ ސަބްމެރިނެއްގައި މަސައްކަތް ކުރާ ހަތް މީހުން ސަބްމެރިންގެ ޑެކުމަތީގައި ތިއްބާ ޖެހި ރާޅާއެކު ކަނޑަށް އެއްލައިލީ ކަމަށް ޑިފެންސުގެ އޮފިޝަލުން ބުނެއެވެ.
އެފްރިކާގެ ނެޝަނަލް ޑިފެންސް ފޯސްއިން ވަނީ މަރުވި މީހުންގެ ތެރޭގައި ނޭވީގައި މަސައްކަތް ކުރާ އަންހެނަކުވެސް ހިމެނޭ ކަމަށް ބުނެފައެވެ.
ހާދިސާ ހިނގި ވަގުތު ސަބްމެރިން އޮތީ ފެންމަތީގައި މަޑުކޮށްލައިގެން ކަމަށް ޑިފެންސް އޮފިޝަލުން ބުނެއެެވެ. އޮފިޝަލުން ވަނީ ހާދިސާ ހިނގަން މެދުވެރިވީ ހެލިކޮޕްޓަރެއްގެ އެހީގައި ސަބްމެރިން އަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނިކޮށްކަމަށް ބުނެފައެވެ.
ހާދިސާ ހިނގުމާއެކު ކަނޑަށް ވެއްޓުނު މީހުން ސަލާމަތް ކުރުމަށް ހެލޮކޮޕްޓަރުގެ ފަޅުވެރީން ވަނީ ބައިވެރިވެފައެވެ. ނަމަވެސް ހަތް މީހުންގެ ތެރެއިން ތިން މީހުން މަރުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
އެފްރިކާގެ ނެޝަނަލް ޑިފެންސް ފޯސް އިން ވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމަށް ތަހުގީގެއް ފަށާނެ ކަމަށް ބުނެފައެވެ.