ދުނިޔެ

ހަރުފަ ގޮވައިގެން ރާޅާ އަޅަން ދިޔަ މީހަކު ޖޫރިމަނާކޮށްފި

މުހައްމަދު އައުޒަމް

ހަރުފައެއް ގޮވައިގެން ރާޅާ އަޅަން ދިޔަ މީހަކު ޖޫރިމަނާކޮށްފިއެވެ.

އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި ދިރިއުޅޭ ހީގޯ ފިއުޒާ ނަމަކަށް ކިޔާ އެމީހާ ވަނީ އޭނާ އޮޅުކޮށްގެން ގެންގުޅޭ ޕައިތަންއެއް ގޮވައިގެން ރާޅާ އަޅައި އެ ވީޑިއޯ ސޯޝަލް މީޑިއާއަށް ހިއްސާ ކޮށްފައެވެ.

ހީގޯގެ ވީޑިއޯ ވައިރަލްވެފައިވާއިރު އޮސްޓްރޭލިއާގެ ކުއީންސްލޭންޑްގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަމަންޓް އެންޑް ސައިންސް އިން ވަނީ އޭނާ އޮސްޓްރޭލިއާގެ ގަވާއިދުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ ޖޫރިމަނާ ކޮށްފައެވެ.

ހީގޯ ޖޫރިމަނާ ކޮށްފައިވަނީ 2322 އޮސްޓްރޭލިއަން ޑޮލަރަށެވެ.

އޮސްޓްރޭލިއާގައި ރެޕްޓައިލް ގެންގުޅޭ ފަރާތްތަކުން އެ އާންމު ތަނަކަށް ނެރޭނަމަ ހުއްދަ ނަގަން ޖެހޭނެ އެވެ.

ހީގޯ އަތުގައި ހަރުފަ ގެންގުޅުމުގެ ހުއްދަ އޮވެއެވެ. ނަމަވެސް އާންމު ތަންތަނަށް ނެރުމުގެ ހުއްދަ ނޯންނަ ކަމަށް އޮފިޝަލުން ބުނެއެވެ.