މުހައްމަދު އައުޒަމް
ލީބިއާއަށް ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވި ސިޓީގެ މޭޔަރުގެ ގެ ރޯކޮށްލައިފިއެވެ.
ލީބިއާއަށް ކުރި ވިއްސާރައިގައި ބޯކޮށް ވާރޭވެހި ކޯރުތައް ފުރި ބަންޑުންވެ އެ ގައުމުގެ ދާނާ ސިޓީގެ ބޮޑު ބައެއް ވަނީ ފުނޑު ފުނޑު ވެފައެވެ. އެސިޓީއަށް ލިބުނު ގެއްލުމުގެ އިތުރުން އެ ސިޓީން ގިނަ ބަޔަކު މަރުވެގެން ދިޔައީ ސިޓީގެ ސަރުކާރުން ވީ އިހުމާލުން ކަމަށް ބުނެ ގިނަބަޔަކު ވަނީ މުޒާހަރާ ކުރަން ފަށާފައެވެ.
ދާނާގައި ކުރަމުން އަންނަ މުޒާހަރާތައް ހޫނުވެ އެ ސިޓީގެ މޭޔަރުގެ ގެވެސް ވަނީ އަންދާލާފައެވެ. މުޒާހަރާކުރާ ފަރާތްތަކުން ވަނީ އެ ސިޓީގެ މައި މިސްކިތް ހިމެނޭ ސަރަހައްދަށް އެއްވެ ލީބިއާގެ ސަރުކާރުގެ އިސްތިއުފާއަށް ވެސް ގޮވާފައެވެ.
މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ އެ ސިޓީގެ ސަރުކާރުން ވިއްސާރައިގެ މައުލޫމާތު އާންމުންނަށް ހިއްސާ ނުކުރާ ކަމަށް ބުނެފައެވެ. އަދި ވިއްސާރަވެ ފެންބޮޑުވާން ފެށުމުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ ބަދަލުގައި އެ ސިޓީގެ ސަރުކާރުން އެދުނީ އެންމެން ގޭގައި ތިބުމަށް އަންގާފައި ކަމަށް އޮފިޝަލުން ބުނެއެވެ.
ދާނާ ސިޓީން މަރުވި މީހުންގެ އަދަދު 4000 އަށްވުރެން މައްޗަށް އަރާފައިވާއިރު ގެއްލުނު މީހުންގެ އަދަދު ވަނީ 10،000 އަށްވުރެން މައްޗަށް އަރާފައެވެ.
ދާނާ ސިޓީއަށް އެހީވުމަށް އެކި ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު އެ ސިޓީ ވަނީ އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައެވެ. އެގޮތުން އިންޓަނެޓާއި ފޯނުގެ ހިދުމަތުގެ މެދުކަނޑާލައިފައިވާއިރު ނޫސްވެރިންވެސް އެ ސިޓީގައި ހަރަކާތްތެރިވުން ވަނީ މަނާކޮށްފައެވެ.