ހުޅުމާލޭ ފެރީ ޓާމިނަލުގެ ދެކުނުން ހަދާފައިވާ ލޯކަލް މާރުކޭޓުން ގޮޅިއަށް އެދޭ ފަރާތްތަކުން އެޗްޑީސީއަށް ފޯމު ހުށަހަޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެޗްޑީސީން ވަނީ ހުޅުމާލޭގައި ހަދާފައިވާ ''ރަށު މާރުކޭޓު'' އިން ގޮޅި ބޭނުންވާ ފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ 9:00 އިން 3:00 އަށް އެޗްޑީސީއަށް ފޯމު ހުށަހެޅުމަށް އަންގައިފައެވެ.
ފޯމު ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ގޮތުންނާއި ވިޔަފާރި ކުރާ ކުންފުނީގެ ނަމުގައިވެސް ހުށަހެޅޭނެ ކަމަށް ބުނެފައިވެއެވެ.
ހުޅުމާލޭގައި ހެދި ލޯކަލް މާރުކޭޓަކީ ރާއްޖޭގައި ހައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ދިވެހި ކާބޯތަކެއްޗާއި ރޯމަހަށް ބޭނުންވާނެ ބާވަތްތައް ލިބޭނެ މަގުފަހިކޮށްދިނުމަށްޓަކައި، ހެދި މާރުކޭޓެކެވެ.
މާރުކޭޓުގައި މޭވާއާއި ތަރުކާރީއާއި އަދި ކާބޯތަކެތީގެ ދިވެހި އުފެއްދުންތަކަށް ހާއްސަ 37 ގޮޅިއެއް ހުރެއެވެ. އަދި ރޯމަހުގެ ބާވަތްތައް ވިއްކުމަށް 80 އަކަ ފޫޓުގެ ވިހި ގޮޅި ހުރެއެވެ. އަދި ރޯމަސް ވިއްކުމަށްވެސް ހާއްސަ ގޮޅިތަކެއް ހުރެއެވެ.