މުހައްމަދު އައުޒަމް
ލީބިއާގައި ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 6000 އިން މައްޗަށް އަރައިފިއެވެ.
ލީބިއާގެ އުތުރުން އޮންނަ ސިޓީ އަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެސިޓީގެ ބޮޑު ދެ ކޯރު ބަންޑުންވެ، މުޅި ސިޓީގައި ފެންބޮޑުވެފައިވާ އިރު، ގިނަ ގެތަކެއް ވަނީ ފުނޑުފުނޑުވެ ފެނުގެ އަޑީގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލީބިއާގެ އޮފިޝަލުން ވަނީ އިއްޔެގެ ނިޔަލަށް އެސިޓީގައި 6،000 އަށްވުރެން ގިނަ މީހުން މަރުވެފައިވާ ކަމަށާއި 10،000 އަށްވުރެން ގިނަ މީހުން ގެއްލިގެން ހޯދަމުންދާ ކަމަށް ބުނެފައެވެ. އަދި މަރުވި މީހުންގެ އަދަދު 20،000 އަށް އަރާނެ ކަމަށް ލަފާކޮށްފައެވެ.
ލީބިއާގެ ހެލްތް މިނިސްޓަރު ސާދިއްދީން އަބްދުލް ވަކީލީ ވަނީ އެސިޓީގެ ހޮސްޕިޓަލުތައް ފުރިފައިވާ ކަމަށާއި އަނިޔާވެފައިވާ މީހުންނަށް ފަރުވާދެވޭނެ ގޮތް ނެތި ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ.
އޮފިޝަލުން ވަނީ ގެއްލުނު މީހުން އިމާރާތްތަކުގެ ދަށުގައި ނުވަތަ އޮޔާ ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން 100،000 އަށްވުރެން ގިނަ މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.
ގެއްލުނު މީހުން ހޯދުމާއި އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީވުމަށް ލީބިއާއިން ވަނީ ހާއްސަ ކޮމިޓީއެއް އުފައްދައި މަސައްކަތް ފަށައިފައެވެ.
ލީބިއާއަށް އެރި ތޫފާނުގެ ސަބަބުން އެގައުމަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބޭރުގެ އެހީއަށް އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.