ދުނިޔެ

ހަނދަށް ބިންހެލުމެއް އަތުވެއްޖެ: އިންޑިއާ

މުހައްމަދު އައުޒަމް

ހަނދަށް ބިންހެލުމެއް އަތުވެއްޖެ ކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާއިން ހަނދުގެ ދެނުކު ތަނޑީގައި ކުރިޔަށް ގެންދިޔަ ތަހުލީލުތަކަށް ފަހު އެ ގައުމުން ހަނދަށް ފޮނުވާލި އުޅަނދަށް ހަނދުގެ ފަށަލައިން ލޮޅުމުގެ އަސަރު ފާހަގަވެފައިވާކަމަށް އިންޑިއާގެ ޖައްވީ އިދާރާ އިސްރޯއިން ބުނެފައިވެއެވެ.

ހަނދުގެ ފަށަލައިން ހެލުމުގެ އަސަރު ފާހަގަ ވުމާއެކު ދިރާސާކުރާ ފަރާތްތަކުން ވަނީ މިއީ މީގެ 50 އަހަރު ކުރިންވެސް ހިނގާފައިވާ ކަމެއް ކަމަށް ބުނެފައެވެ.

1970 ވަނަ އަހަރު ނާސާއިން ހަނދުގައި ކުރިޔަށް ގެންދިޔަ އެޕޯލޯ މިޝަންގައި ވެސް ހަނދުން ބިންހެލުމުގެ އަސަރު ފާހަގަ ވެފައިވެއެވެ.

އިސްރޯއިން ވަނީ ހަނދަށް ތިރިކުރި އުޅަނދުގައި ހަނދުގެ ސެސިމިކް އެކްޓިވިޓީތައް (ބިންހެލުމުގެ ސަބަބުން އަންނަ ލޮޅުން) ދެނެގަނެވޭނެ ޓެކްނޮލޮޖީ ހުންނާނެ ކަމަށް ބުނެފައެވެ.

އިސްރޯއިން ވަނީ ބިންހެލުން އިތުރަށް ތަހުލީލުކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކޮށްފައެވެ.