އިސްލާމިކް މިނިސްޓްރީ

ވާރޭ ނުވެހި ގިނަ ދުވަސް ވުމުން އިސްތިސްޤާ ނަމާދުކުރަން ނިންްމައިފި

ވާރޭ ނުވެހި ގިނަ ދުވަސް ވެފައިވާތީ ރާއްޖޭގެ ހުރިހާ ރަށެއްގައި އިސްތިސްޤާ ނަމާދުކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އިސްތިސްޤާ ނަމާދުކުރުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ މެންދުރު ނަމާދަށްފަހު މާލޭގައި ނަމަ އިސްލާމީ މަރުކަޒުގައި ކަމަށާއި އަތޮޅުތަކުގައި ނަމަ އެރަށެއްގައި ހުރި ބޮޑު މިސްކިތުގައި ކަމަށެވެ.

ވާރޭ ނުވެހި ގިނަދުވަސް ވެފައިވާއިރު މިދުވަސް ވަރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ހޫނު ގަދަ ދުވަސްވަރެކެވެ. އަދި ހޫނުގަދަ ވުމުގެ ސަބަބުން ގިނައިން ފެން ބުއިމަށް ސިއްހީ މާހިރުން ވަނީ އިލްތިމާސްކޮށްފައެވެ.

އިސްތިސްޤާ ނަމާދަކީ ވާރޭ ނުވެހި ގިނަ ދުވަސްވުމުންނާއި އަދި އެކިއެކި މުސީބާތްތައް މެދުވެރިވުމުން ކުރާ ސުންނަތް ނަމާދެކެވެ. މި ނަމާދުގައި ހުތުބާ ކިޔުމަށްފަހު ދުއާކުރެއެވެ.