ދުނިޔެ

އިންޑިއާއިން އިރަށް ފޮނުވި އުޅަނދުން "ސެލްފީ" އެއް ނަގައި، ދުނިޔެއަށް ފޮނުވައިފި

މުހައްމަދު އައުޒަމް

އިންޑިއާއިން އިރުގެ މިޝަންއަށް ފޮނުވި އުޅަނދު، "އަދިތިޔާ-އެލް1" އިން ސެލްފީއެއް ނަގައި، ދުނިޔެއަށް ފޮނުވާލައިފިއެވެ.

އިންޑިއާއިން އިރުގެ ހާއްސަ ތަހުލީލުތަކެއް ކުރުމަށް ފެށި މިޝަންގައި ބޭނުންކުރާ އުޅަނދު އުދުއްސާލީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެ މިޝަންގެ ތެރެއިން އެ އުޅަނދުން ވަނީ އޭގެ އަމިއްލަ ފޮޓޯއެއް ނަގައި އިންޑިއާގެ ސްޕޭސް ރިސާޗް އެޖެންސީ (އިސްރޯ) އަށް ފޮނުވައިފައެވެ. އަދި ދުނިޔެއާއި ހަނދު ފެންނަ ފޮޓޯއެއްވެސް ފޮނުވާފައިވެއެވެ.

އެ އުޅަނދު ދަތުރުކުރަމުންދާ ބާރުމިނަށް ބަލާއިރު ހަތަރު މަސްތެރޭ އަމާޒަށް ވާސިލުވާނެ ކަމަށް އިސްރޯ އިން ބުނެއެވެ.

އިރުގެ ތަހުލީލަށް ފޮނުވާ އުޅަނދު މަޑުކުރާނީ ''އަދިތިޔާ-އެލް1''ގެ އެލް1 ގައެވެ. އެލް1 އަކީ (ލެގްރޭންޖު ޕޮއިންޓް 1) އެވެ. ޔޫރަޕިއަން ސްޕޭސް އެޖެންސީން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން (ލެގްރޭންޖު ޕޮއިންޓް 1) އެއީ ދުނިޔެއާއި އިރުގެ ދެމެދުގައި ހިމެނޭ ގްރެވިޓީ ނިމޭ ޕޮއިންޓެވެ. އެ ޕޮއިންޓުގައި ''އަދިތިޔާ-އެލް1'' އަމިއްލައަށް ދައުރުކުރާނެ ކަމަށް އެ އިދާރާގެ ރިޕޯޓުގައިވެ އެވެ.

އިންޑިއާގެ އުޅަނދު މަޑުކުރަން ހަމަޖެހިފައިވާ ޕޮއިންޓުގައި މަޑުކުރުމުގެ ކުރިން ދުނިޔެ ވަށައި ޓެސްޓު ބުރުތަކެއް ޖަހާނެއެވެ.