ދުނިޔެ

ޖީ20 ސަމިޓަށް އިންޑިއާ ފުރިހަމައަށް ތައްޔާރު!

މުހައްމަދު އައުޒަމް

ޖީ20ގެ ސަމިޓަށް އިންޑިއާއިން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގައި މިމަހުގެ 9 އަދި 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖީ20 ސަމިޓަށް ތައްޔާރުވުމަށް ދިއްލީއަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ.

ދިއްލީގެ މޭޔަރު ޝެލީ އޮބްރޯއި ވިދާޅުވީ އެ ސިޓީގައި ޖީ20 ސަމިޓު ބޭއްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށެވެ.

ޖީ20 ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ދިއްލީގައި އަލަށް އިމާރާތްކުރި ބާރަތު މަންޑަޕަމް ކޮންވެންޝަން ސެންޓަރުގައެވެ.

މޭޔަރު އޮބްރޯއި ވަނީ ސަމިޓަށް ބޭނުންވާ ކަންކަން އިންތިޒާމުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލާފައިވާކަން ވިދާޅުވެފައެވެ. ދިއްލީގެ މުނިސިޕަލް ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ދިއްލީގައި ސަމިޓު ބާއްވާ ސަރަހައްދު ސާފު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޮބްރޯއި ވިދާޅުވީ ދިއްލީގެ ސަރަހައްދުތައް ސާފުކުރުމަށް 12،000 މީހުންގެ ބޮޑު ޓީމެއް ހަ ޒޯނެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ސަމިޓަށް އިންޑިއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފުރިހަމަ މަރުހަބާއެއްގެ އިތުރުން އެމީހުންނަށް އެހެނިހެން އިންތިޒާމުތައްވެސް މިހާރު ތައްޔާރުވެފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ޖީ20 އަށް އިންޑިއާއަށް ބޭރުގެ ބޮޑެތި ގައުމުތަކުގެ ލީޑަރުން ޒިޔާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.