އެމްއެންޑީއެފް

ފޯނު ޗާޖަށް ޖަހައިގެން ނުނިދުމަށް ސިފައިން އިލްތިމާސްކޮށްފި

ރައްކާތެރިކަމާއެކު ކަރަންޓު ބޭނުންކުރުމަށާއި ފޯނު ޗާޖަށް ޖަހައިގެން ނުނިދުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން އިލްތިމާސްކޮށްފިއެވެ.

ކޯސްޓްގާޑް ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ކޮމާންޑަރު ކާނަލް އަބްދުﷲ އިބްރާހީމް ވިދާޅުވީ ކަރަންޓާ ގުޅުން ހުރި ތަފާތު ގިނަ ހާދިސާތައް ހިނގަމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

"ޑީސީ ކަރަންޓުން މަސައްކަތްކުރާ، އެންމެ އާންމުކޮށް އަޅުގަނޑުމެން މި ބޭނުންކުރާ ފޯނު ޗާޖަރު ކަމުގައިވިޔަސް، ޗާޖު ކުރުމަށް ރޭގަނޑު ޗާޖަށް ޖައްސަވާފައި ނިދި ކުރެއްވުމުގެ ސަބަބުން ވެސް އެބަހުރި އެފަދަ ހާދިސާތައް ހިނގާފައި. އެހެންވީމާ ރައްކާތެރިކަމާއެކު ކަރަންޓު ބޭނުންކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އިލްތިމާސްކުރަން،" އޭނާ ވިދާޅުވިއެވެ.

ކާނަލް އަބްދުﷲ އިބްރާހީމް ވިދާޅުވީ ސޮކެޓު އޯވާލޯޑު ނުވާ ގޮތަށް ކަރަންޓުގެ ބޭނުންކުރުމަށާއި ތުރީ ޕިންގެ ބަދަލުގައި ބާރ އެޑެޕްޓަރ ބޭނުންކުރުމަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންގ މަދުވެގެން އަހަރަކު އެއްފަހަރު ޗެކް ކުރުމަށާއި އިމާރާތުގެ ވަޔާރިންގ ސިސްޓަމާ ކުޅެ، އަމިއްލައަށް ގޮތްގޮތް ނުހެދުމަށް އިލްތިމާސްކުރާ ކަމަށެވެ.

"ސިސްޓަމާ އަމިއްލައަށް ކުޅެ، އިތުރު އެއްޗެހިތައް ބޭނުންކުރުމުގެ ސަބަބުން އެއަށް ލޯޑު ބޮޑުވެގެން ގޮސް، އަލިފާނުގެ ހާދިސާތައް ހިނގާފައި އެބަހުރި. އެއާކޯނު ފަދަ ތަކެތި ބަރާބަރަށް މެއިންޓެނަންސް ކުރުމާއި އެ ސާފުކުރެއްވުމަށް ވެސް އިލްތިމާސްކުރަން،" އޭނާ ވިދާޅުވިއެވެ.

ކާނަލް އަބްދުﷲ އިބްރާހީމް ވިދާޅުވީ އުނދުން މައްޗަށް ކައްކަން އުދާފައި، ބައެއް މީހުންނަށް އެކިއެކި ކަންކަމުގައި އެ ތެލި ނުފެންނަ ހިސާބަށް ދެވޭ ގޮތް ދިމާވާ ކަމަށާއި އެކަމުގެ ސަބަބުން ބަދިގޭގައި އަލިފާން ރޯވެ، އެ އަލިފާން ބަދިގެއާއި ގޭތެރެ އަދި ކައިރީގައި ހުރި ގޭތަކަށް ވެސް ފެތުރިގެންދާ ގޮތް ދިމާވާ ކަމަށެވެ.

"އެކަން މަތިން ހަނދާން ނެތި، އަލިފާނުގެ ހާދިސާއެއް ހިނގައި، މުޅި ބަދިގޭގައި ރޯވެ، އެ އަލިފާން މުޅި ގެއަށް ފެތުރިގެން ގޮސް، އަދި އެ އަލިފާން ޖެހިގެން ހުރި ގެތަކަށް ފެތުރޭ ގޮތް ދިމާވެފައި އެބަހުރި. އެހެންވީމާ ކައްކަން އުދާފައި ދުރަށް ވަޑައިގެން ނުގެންނެވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް. ބޭރަށް ވަޑައިގަންނަވާ އިރު، ފުރިހަމައަށް ގޭހާ އެއްޗެހި ބަންދު ކުރެވިފައިތޯ ހުރީ، އުނދުންތައް ނިއްވާލެފައިތޯ ހުރީ ރަނގަޅަށް ޗެކްކޮށްދެއްވާ،" އޭނާ ވިދާޅުވިއެވެ.

ކާނަލް އަބްދުﷲ އިބްރާހީމް އިތުރަށް ވިދާޅުވީ މިފަހަކަށް އައިސް، އާންމުކޮށް އަލިފާން ހިނގާ އެއް ބާވަތް ކަމަށް ބެލެވެނީ ސިނގިރޭޓު ބުރި އެއްލާލުމުގެ ސަބަބުން ރޯވާ އަލިފާން ކަމަށާއި އެފަދަ ހާދިސާތައް ހިނގަނީ އެއްވެފައި ހުންނަ ކުނި ފަދަ ތަކެތި ހުންނަ ތަންތަނަށް ސިނގިރޭޓު ބުރި އެއްލާލެވޭތީ ކަމަށެވެ. އަދި އެކަމާ މެދު ވެސް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.