ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް

ވިމް އިން "ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2019" ލޯންޗް ކޮށްފި

މަރިޔަމް ޝަހުދާ

ވުމަން އިން މެނޭޖްމަންޓް މޯލްޑިވްސް، "ވިމް" އިން ''ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2019'' ލޯންޗް ކޮށްފި އެވެ.

'ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2019 ރޭ ލޯންޗްކޮށްފައިވަނީ އެކަމަށް ހާއްސަކޮށްގެން ރޭ ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ. މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސް ޝިދާތާ ޝަރީފް ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ވިމްގެ ޗެއާޕާސަން ޑރ. ސުލޮޗާނާ ސެގެރާ އަދި މި އެވޯޑްގެ ޖަޖުންގެ ޕެނަލްގައި ހިމެނޭ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއަހަރުގެ ޖުލައި 13ގައި ބޭއްވުމަށް ހަމަޖައްސައިފައިވާ މި އެވޯޑަށް ކުރިމަތިލާން ހުޅުވައިލުމަށް ހަމަޖައްސައިފައިވަނީ މިމަހު 15 އިން މެއި 15 އަށެވެ. މިދިޔަ އަހަރު އެވޯޑް ހަފުލާގައި އެކި ކެޓަގަރީތަކުން 25 ކަނބަލަކަށް ވަނީ ''ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް'' ލިބިފައެވެ. އެ 25 ކަނބަލުންގެ ތެރެއިން ހަ ކަނބަލަކު ވަނީ ލަންކާގެ ކޮލަންބޯގައި ކުރިއަށްދިޔަ 2018 ވަނަ އަހަރުގެ ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސްއަށް ނޮމިނޭޓް ވެ އެވޯޑު ލިބިވަޑައިގެންފައެވެ.

ރޭގެ ހަފްލާގައި ވާހަކަދައްކަވަމުން ވިމްގެ ޕްރެޒިޑެންޓް މިންހާ ފާއިޒް ވިދާޅުވީ މި އެވޯޑަކީ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުންގެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށެވެ. އަދި މި އެވޯޑަކީ ގައުމަށާއި މުޖުތަމައަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ ޝުކުރުވެރިކަމުގެ އިނާމެއް ކަމަށް ވެސް މިންހާ ވިދާޅުވިއެވެ.

ވިމް އަކީ ގްލޯބަލް ވުމަން އިން މެނޭޖްމަންޓްގެ ރާއްޖޭގެ ގޮތްޕެވެ. ރާއްޖޭގެ މަސައްކަތުގެ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންގެ މަސައްކަތުގެ އަގުވަޒަންކޮށް، އެމީހުންގެ ހުނަރު ތަރައްގީކޮށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ބަޔަކަށް ހެދުމަށް ވިމްއިން މަސައްކަތް ކުރެއެވެ.