ވިމެން އިން މެނޭޖްމަންޓް (ވިމް)ގެ ރާއްޖޭގެ ގޮފި، ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމްއެމްވީ) އިން ދޭ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް 2024" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިއްޔެއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އެ ފުރުސަތުގައި އެވޯޑަށް ކުރިމަތިލާން ޖެހެނީ އެކަމަށް ހާއްސޮށްފައިވާ ގޫގަލް ފޯމަކުން އޮންލައިންކޮށެވެ.
ވިމް އެވޯޑު 2024 އަށް ކުރިމަތުލުމަށް ހުޅުވާލެވިފައިވާ ފޯމް
މިއީ ވިމުން މި އެވޯޑް ބާއްވާ ހަވަނަ އަހަރެވެ. މިއަހަރުގެ އެވޯޑުގައި ވެސް ހަތަރު ކެޓަގަރީއަކުން އެވޯޑު ދޭނެއެވެ. އެއީ ކެރިއާ އެވޯޑް ކެޓަގަރީ، ބިޒްނަސް އެވޯޑް ކެޓަގަރީ، ޕްރޮފެޝަނަލް ކެޓަގަރީ، ސްޕެޝަލް އެވޯޑް ކެޓަގަރީއެވެ.
ވިމްއެމްވީގެ ރައީސާ މިންހާ ފާއިޒު ރަޝާދު (މިންނު) ވިދާޅުވީ ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑަކީ ރާއްޖޭގެ ޕްރޮފެޝަނަލް އަދި ވަޒީފާގެ ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަނބަލުންގެ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށެވެ. އަދި އެ އެވޯޑަކީ ގައުމަށާއި މުޖުތަމައަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ ޝުކުރުވެރިކަމުގެ އިނާމެއް ކަމަށް ވިދާޅުވިއެވެ.
އެވޯޑާ ގުޅޭ އިތުރު މައުލޫމާތު ވިމްގެ މީސްމީޑިއާ ޕޭޖުތަކުންނާއި ހޮޓްލައިން ނަންބަރު 7946687 އަށް ގުޅާލުމުން ލިބިގެންދާނެއެވެ.
ވިމް އަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ރާއްޖޭގެ ޗެޕްޓަރު ހުޅުވީ 2017 ސެޕްޓެމްބަރުގައެވެ. ވިމް އިން އަންނަނީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށާއި އެކި ކަންކަމަށް އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.