މެޑަމް ފާތިމަތު އިބްރާހިމް

ފަސްޓް ލޭޑީ ފާތުން ރާއްޖެއަށް ވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދާދި ދެންމެ ރާއްޖެ އަށް ވަޑައިގެންފި އެވެ.

ސައުދީ އަރަބިއްޔާއަށް މިމަހުގެ ހަތްވަނަ ދުވަހު ވަޑައިގެންނެވުމަށް ފަހު ފަސްޓް ލޭޑީ ފާތުން ރާއްޖެ އަށް ވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ދެންނެވުމަށް ފިރިކަލުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެއާޕޯޓަށް ވަޑައިގެންނެވި އެވެ. އަދި އެކަމަނާ މާލެ އަށް ވަޑައިގެންނެވި އިރު ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރީންނާއި ޕީޕީއެމްގެ އާންމު މެންބަރުން ވެސް މަރުހަބާ ދެންނެވުމަށް އިއްޒުއްދީން ފާލަން ދޮށަށް އެއްވެ ތިއްބެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ފަސްޓް ލޭޑީ ފާތުން ފިއްލެވީ ކަމަށް ގިނަ ބަޔަކު ބުނަމުންދިޔައެވެ. މައުލޫމާތު ލިބޭގޮތުގައި ފަސްޓް ލޭޑީ ސައުދީއަށް ވަޑައިގެންނެވީ އުމްރާގެ އަޅުކަމަށެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަމަނާގެ ދަތުރުފުޅާ ގުޅޭގޮތުން ވާހަކަދައްކާފައެއް ނުވެއެވެ.

ފަސްޓް ލޭޑީ އެނބުރި ރާއްޖެ މި ވަޑައިގެންނެވީ، ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި، ފުރާވަޑައިގަންނަވަން އުޅުއްވާ ކަމުގެ ވާހަކަތަކެއް ދެކެވެމުން ދަނިކޮށެވެ.

ގުޅިފައިވާ ޕާޓީތަކުން ވަނީ ރައީސް ޔާމީން ފުރާވަޑައިގަތުން ހުއްޓުވައި ދިނުމަށް އެދި ރޭ ފުލުހުންނަށް މައްސަލަ ވެސް ހުށަހަޅައިފައެވެ.