މިނިސްޓަރު އަހުމަދު މަޙުލޫފް

ތަޅާފޮޅުމުން މޮޅުވީ ބައްސާމް، އެފްއޭއެމްގެ ތެރޭ "ފާތުމަގެ އޮފީސް" ނުހިންގާ ކަމަކަށް ނުވާނެ: މަހުލޫފް

އަލީ ރިފްޝާން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ އޮތް ހިޔާލު ތަފާތުވުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށާއި އޭރުގެ ތަޅާފޮޅުމުން މޮޅުވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ޔޫތު މިނިސްޓްރީން ވަނީ އެފްއޭއެމަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި އެފްއޭއެމް ހައުސްގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އޮފީހެއް ހިންގި ކަމުގެ ތުހުމަތު ވެސް ހިމެނެއެވެ.

މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަހުލޫފު ވިދާޅުވީ ވެގެންދިޔަ ކަމެއް ނިމިގެން އެދިޔައީ ކަމަށާއި އެއީ ބަދަލުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި އެ މައްސަލައިގެ ސަބަބުން ބައްސާމްއާ ވާހަކަނުދައްކައި، ފުޓުބޯޅައަށް ކަމެއް ކޮށްނުދީ ނުހުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ބައްސާމް ބަދަލުކުރުމުގެ ކަންތައްތައް، އެކަން ނިމިއްޖެ. ތަޅާފޮޅާ ނިމުނީ. މޮޅުވީ އެފްއޭއެމް، ބައްސާމް. ކުރި ގޮތަކަށް ކޮށްގެން ބައްސާމް މިހާރު އެހުރީ އެ މަގާމުގައި. އަޅުގަނޑު މިއިނީ މިނިސްޓަރަކަށް. އެހެންވީމާ އަޅުގަނޑަކަށް ނޯންނާނެ ބައްސާމް ދެކެ ރުޅި އައިސްގެން، ބައްސާމް ފެންނަ އިރަށް އެހެން ދިމާއަކަށް އެނބުރެވޭކަށް. އެހެންވެސް ވަކި ވަރަކަށް އުޅެވޭނީ. އެފްއޭއެމް އިންތިހާބު ދޮޅު އަހަރެއްގެ ތެރޭގައި އޮންނާނެ. އެ އިންތިހާބަށް ތައްޔާރުވާންވީ ބަޔަކު ތައްޔާރުވާންވީ. މިއޮތް ދުވަސްކޮޅު ތެރޭގައި ފުޓުބޯޅައިގެ ކަންތައްތަކުގައި އަޅުގަނޑަށް ދެވެން އޮތް ސަޕޯޓެއް ދޭން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ އެފްއޭއެމް ހައުސްގައި ފާތިމަތު އިބްރާހީމްގެ އޮފީހެއް ނުހިންގާ ކަމަކަށް ދެން ނުވާނެ ކަމަށާއި އެފްއޭއެމްގެ ތެރޭ އެ އޮފީސް ހިންގިކަން އެންމެންނަށް ވެސް އެނގޭ ކަމަށެވެ. އަދި މިހާރު ބޭނުންވަނީ ބައްސާމްއާއެކު މަސައްކަތްކޮށް، ފުޓުބޯޅައަށް ކުރިއެރުން ހޯދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ފާތުމަގެ އޮފީސް އެތާ އިންތޯ ނެތްތޯ، އެއީ އެއްވެސް މީހަކަށް ދޮގެއް ހެދޭނެ ވާހަކައެއް ނޫން. އެތަނުގައި އޮފީސް ހިންގި. އެތަނުގައި ފާތިމަތު އިބްރާހީމްގެ އޮފީސް ހިންގުން، އެއީ ދެން ބަދަލުވާނެ ކަމެއް ނޫން. މި މައްސަލައާ ހެދި އެފްއޭއެމްއާ ވާހަކަނުދައްކައި، އަޅުގަނޑަކަށް ނުހުރެވޭނެ. ފުޓުބޯޅައަށް ކަންކަން ނުކޮށްވެސް އަޅުގަނޑަށް އިނދެވިދާނެ. އެކަމަކު އެކަން ނުކުރީމާ، މާދަމާ ބައްސާމް ވިދާޅުވާނެ މިނިސްޓްރީން އެކަން ނުކޮށްދިނީމަ މުބާރާތަކަށް ނުދެވުނޭ. ދެން ރައްޔިތުން އެކަން ފާހަގަކުރާނެ. ވެދިޔަ ކަމެއް ވެގެންގޮސް އެ ނިމުނީ،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ މާޒީގައި އެ ހިނގި ކަމެއް ހިނގައި ނިމިއްޖެ ކަމަށާއި މިހާރު މިނިސްޓަރު މަހުލޫފާއި އެފްއޭއެމް ގުޅިގެން ކުރާ މަސައްކަތަކީ ފުޓުބޯޅަ ކެރުއެރުވުމަށް ކުރާ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.