ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަރިހަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވަޑައިގެންފިއެވެ.
ރައީސް ޔާމީންގެ އަނބިކަނބަލުން ވަޑައިގެންނެވީ އެމަނިކުފާނަށް ފަރުވާ ދެމުން އަންނަ އައިޖީއެމްއެޗްގެ ހިތުގެ ބަލީގެ ޑިޕާޓްމަންޓަށެވެ.
މިއަދުގެ ހަވީރުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ރައީސް ޔާމީން ޑޮކްޓަރަށް ދެއްކުމަށްޓަކައި އައިޖީއެމްއެޗްއަށް ގެނެސް، ހިތުގެ ބަލީގެ ޑިޕާޓުމަންޓުގައި ވަނީ ފަރުވާދޭން ފަށައިފައެވެ. ޑޮކްޓަރަށް ދެއްކުމަށްޓަކައި ރައީސް ޔާމީން މާލެ ގެންނަކަން އަންގާފައިވަނީ ހަމައެކަނި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން "ވަން އޮންލައިން"އަށް މައުލޫމާތުދެއްވައެވެ.
މިއަދު ރައީސް ޔާމީން އައިޖީއެމްއެޗްއަށް ގެންދިއުމާ ގުޅިގެން އެމަނިކުފާނަށް ތާއީދުކުރާ ސަޕޯޓަރުން ވަނީ އައިޖީއެމްއެޗްއަށް ގޮސްފައެވެ. އައިޖީއެމްއެޗްގެ ތެރޭގައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުންނާ ދިމާއަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހި އިރު، އެ ހާދިސާގެ ތެރޭގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތަށް ވަނީ ޒަހަމުވެފައެވެ.
އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުފީދު "ވަން އޮންލައިން"އަށް ވިދާޅުވީ ޑޮކްޓަރުންގެ ލަފަޔާއެކު 24 ގަޑިއިރަށް ރައީސް ޔާމީން އެޑްމިޓްކޮށްފައިވާ ކަމަށާއި ރައީސް ޔާމީން އެޑްމިޑްކޮށްފައިވަނީ ހިތުގެ ބަލީގެ ޑިޕާޓްމަންޓުގައި ކަމަށެވެ.