ޚަބަރު

ސޯލިހަށް ރައީސްގެ ރައްދު: ފުރަތަމަ ފޯނު ކޯލުގައި ވެސް ޔާމީން ގެއަށް ބަދަލުކޮށްދޭން އެދުނިން!

ރިޔާސީ އިންތިހާބުން ލިބިވަޑައިގެންނެވި ކާމިޔާބީއާއެކު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދެންނެވުމަށް ގުޅުއްވުމުން ވެސް ޖަލު ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ހަފުތާ 52 ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އެކަމާ ގުޅޭ ވާހަކަފުޅުދައްކަވާފައި މިވަނީ، "ރާއްޖެ ޓީވީ"ގެ ޕްރޮގްރާމެއްގައި ރައީސް ސޯލިހު މިއަދު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

ސޯލިހު ވިދާޅުވީ ރައީސް މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގައި، ޔާމީން ގެއަށް ބަދަލުކުރެއްވުމަށް މާލެ ގެންނަވާތީ އަވަހަށް ބައްދަލުވުން ނިންމަވާލައްވާފައި އެތަނަށް ވަޑައިގެންނެވުމަށް ދެންނެވުމުން ރައީސް މުއިއްޒާއި އަބްދުއްރަހީމަށް ލިބިވަޑައިގެންނެވީ ހައިރާންކަމެއް ކަމަށެވެ. އަދި ޔާމީން ގެއަށް ބަދަލުކުރެއްވީ ރައީސް މުއިއްޒު ނުވަތަ އަބްދުއްރަހީމްގެ އެދިވަޑައިގެންނެވުމުގެ މަތިން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ހަނދާންވާ ގޮތުން އޭގެ އެއް އަހަރުކުރިން ރައީސް ޔާމީންގެ މައްޗަށް ދެ ހުކުމެއް އަޔެއް ނޫންތޯ. ފުރަތަމަ ހުކުމް ތަންފީޒުކުރަމުންދިޔަ އިރުގައި، އަޅުގަނޑު ހިތުން އެމީހުންގެ ބައްދަލުވުމަކަށްފަހުގައި އޭގެ އެއް އަހަރު ކުރިން ވަރަށް ގިނަ ބޭފުޅުން އަޅުގަނޑަށް މެސެޖުކުރި. ރައީސް ޔާމީން ދެން ގެއަށް ގެންނަންވީ ނޫންހޭ، އޭގެ ތެރޭގައި ރައީސް މުއިއްޒުގެ މެސެޖެއް ވެސް އެއް އަހަރު ކުރިން އަޅުގަނޑަށް ލިބުނު. އޭރު ގެއަށް ވެސް ބަދަލުކުރިން. ފަހު ބުރުގައި ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވި އިރުގައި މިއިން އެއްވެސް ބޭފުޅަކު އަޅުގަނޑަށް ގުޅާފައެއް ނެތް،" ސޯލިހު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިންތިހާބުގެ ކާމިޔާބީއަށްފަހު، ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ވެސް ފުއްދެން އޮތް ވައުދެއްވިއްޔާ ފުއްދެވުމަށް މަސައްކަތްކުރައްވާފައިވާނެ ކަމަށާއި އެގޮތުން ރައީސް ޔާމީންގެ ހުކުމުގެ މައްސަލައިގައި އޭރު ވެސް މަސައްކަތްކުރައްވަން ފައްޓަވާފައިވާނެ ކަމަށެވެ.

"އެރޭ ފުރަތަމަ އަޅުގަނޑަށް، މި ދެންނެވީ 30 ސެޕްޓެމްބަރުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ދަންނަވަން ވާދަވެރި ކެންޑިޑޭޓު ގުޅުއްވި. ގުޅުއްވާފައި ވާހަކަފުޅުދެއްކެވި އިރު، އެ ފޯނު ކޯލުގައި ވެސް އަޅުގަނޑު ފުރަތަމަ ދެންނެވީ ރައީސް ޔާމީން ގެއަށް ގެނެސްދެއްވާށޭ. ބައެއް ބޭފުޅުން ހަނދުމަފުޅު ނެތިދާނެ އެރޭ އޮތް ޕްރެސް ކޮންފަރެންސްގައި ވެސް ދެއްކި ވާހަކަ. މިއީ ފެންނާން ހުރި ހަގީގަތް. ފުރަތަމަ ފޯނު ކޯލުގައި ވެސް އަޅުގަނޑު ދެންނެވިން، އޭގެ އިރުކޮޅެއް ފަހުން ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވެސް އަޅުގަނޑު ދެއްކި ވާހަކަ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ފޯނު ކޯލަށްފަހު ޖެހިގެން އައި ދުވަހު ޔާމީން ގެއަށް ގެންނެވުމަށް ސޯލިހު ނިންމެވި ކަމަށާއި ސޯލިހާ ބައްދަލުކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެން، އަބްދުއްރަހީމްއާއެކު ވަޑައިގެން ވެސް ޔާމީން ގެއަށް ބަދަލުކުރެއްވުމަށް ނިންމަވާފައިވާކަމުގެ މައުލޫމާތު ބައްދަލުވުމުގެ ކުރިން ލިބިވަޑައިގެންފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައިވާނެ ކަމަށެވެ.

"ނޮވެމްބަރު 17 ގައި ހުވާކޮށްގެން އެންމެ ފުރަތަމަ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަދައްކަން ފަށާފައި، ގަޑިން 5:03 ގައި އަޅުގަނޑު ވީ ވައުދު ފުއްދިން. އަޅުގަނޑު އިއުލާންކުރިން މި ހިނދުން ފެށިގެން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުނީއޭ، އެކަން އެ އޮތީ ނިންމާފައޭ. އެހެންވީމާ އެ ހިސާބުން ފެށިގެން ސިޔާސީ ހުކުމެއްގައި ހައްޔަރުކޮށްފައި ހުރި ރައީސް ޔާމީން މިނިވަންކުރުމަކީ ޝަރުއީ ދާއިރާގެ އަތްމަތީގައި އޮތް ކަމެއް. އަޅުގަނޑުމެން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާތީ، އަލްހަމްދުﷲ އެމަނިކުފާނު އެ ހުންނެވީ މިނިވަންވެވަޑައިގެން، އެއީ ހަގީގަތް. އެހެންވީމާ އެ ވައުދު އެ އޮތީ ފުއްދާފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.