ދުނިޔެ

ޗަންދްރަޔާން 3"ގެ ރޯވާއިން ނެގި ފޮޓޯ ދައްކާލައިފި

މުހައްމަދު އައުޒަމް

''ޗަންދްރަޔާން 3''ގެ ރޯވާ އިން ނެގި ''ވިކްރަމް''ގެ ފޮޓޯ ދައްކާލައިފިއެވެ.

އިންޑިއާއިން ހަނދުގެ ދެކުނު ތަނޑީގައި ހާއްސަ ތަހުލީލުތަކެއް ހެދުމަށް ފޮނުވި ''ޗަންދްރަޔާން 3''ގެ ރޯވާ ''ޕްޔަގްޔާން'' ހަނދަށް ތިރިކުރުމަށް ބޭނުންކުރި އުޅަނދު ''ވިކްރަމް'' ފޮޓޯ ނަގައި ދުނިޔެއަށް ފޮނުވާފައިވަނީ ''ޕްޔަގްޔާން'' އިންނެވެ.

އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން ދައްކާލި ކަޅާއި ހުދުގެ ފޮޓޯއިން ފެންނަނީ ވިކްރަމް ހަނދުގެ ފަށަލައިގައި ލޭންޑު ކުރިގޮތަށް ހުރި މަންޒަރެވެ.

އިންޑިއާގެ ޖައްވީ އިދާރާއިން ވަނީ އެކްސްގައި އެ ފޮޓޯ ހިއްސާކޮށްފައެވެ.

އިސްރޯއިން ބުނެފައިވާ ގޮތުގައި ''ޕްޔަގްޔާން'' ހަނދުގައި ''ވިކްރަމް''ގެ ފޮޓޯ ނެގުމަށް ބޭނުންކޮށްފައިވަނީ އޭގައި ހަރުކޮށްފައި ހުރި ނެވިގޭޝަން ކެމެރާއިންނެވެ.

''ޕްޔަގްޔާން'' މެދުވެރިކޮށް ހަނދުގެ ދެކުނު ތަނޑީގައި ގިނަ ތަހުލީލު ތަކެއް ފަށާފައިވާއިރު އިންޑިއާގެ ޖައްވީ އިދާރާއިން ވަނީ ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށާއި ލިބެމުން އަންނަ މައުލޫމާތު ހިއްސާ ކުރަމުން ދާނެކަމަށް ހާމަކޮށްފައެވެ.