އެމްޑަބްލިއުއެސްސީ

ފެނުގެ ހިދުމަތް ލިބުން ލަސްވާނަމަ 105 އަށް ގުޅަން އެދިއްޖެ

އެމްޑަބްލިޔުއެސްސީގެ ހިދުމަތް ލިބުން ލަސްވާނަމަ 105 އަށް ގުޅުމަށް އެކުންފުނިން އިލްތިމާސްކޮށްފިއެވެ.

އެކުންފުނިން ބުނިގޮތުގައި 105 އަށް ގުޅުމުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށާއި އެ ނަމްބަރުން މައުލޫމާތު ސާފުކޮށް ދިމާވާ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ފެން ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުންފުނިން ދެމުންގެންދާ އެއްވެސް ހިދުމަތެއް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނުލިބި ލަސްވާނަމަ 105 އަށް ގުޅުމަށް އެދޭ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ އެކުންފުނީގެ ހޮޓްލައިން 105 އަށް ގުޅުމަށްފަހު ދިމާވާ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ޝަކުވާއެއް ހުށަހަޅަންޖެހޭނީ އެއްފަހަރު ކަމަށެވެ.

އަދި އެ ޝަކުވާއެއް ހުށަހެޅުމުން ދިމާވާ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ. މިމަހު އެކަކުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ކަމަށް ވެސް އާޒިމު ވިދާޅުވެފައި ވެއެވެ.

އާޒިމް ވިދާޅުވެފައިވަނީ އެ ކުންފުނިން ދެމުން އަންނަ ހިދުމަތަށް އެދި ތިން އަހަރު ވަންދެން ޝަކުވާ ކޮށްގެންވެސް ހިދުމަތް ނުލިބި ހުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް މިހާރު އެއް ފަހަރު ޝަކުވާ ހުށަހެޅުމުން އެ ހިދުމަތެއް ލިބެންދެން އެމީހެއްގެ އަތުގައި ހިފައިގެން ތިބޭނެ ކަމަށެވެ.