ޚަބަރު

ފެން ބިލުން ދޭ ޑިސްކައުންޓް ހިމަނާނީ އޭޕްރީލް މަހު ފޮނުވާ ބިލުގައި: އެމްޑަބްލިޔުއެސްސީ

މުހައްމަދު އިޝާން

ފެން ބިލުން ދިނުމަށް ހަމަޖެހިފައިވާ ޑިސްކައުންޓް ހިމަނާނީ އަންނަ އޭޕްރިލް މަހު ފޮނުވާ ބިލުގައި ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އަހަރުގެ ރޯދަ މަހު ގޭބިސީތަކުގެ ފެން ބިލާއި ކަރަންޓު ބިލަށް ޑިސްކައުންޓް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ، އަންނަ އެޕްރީލް މަހު އެ ކުންފުނިން ޑޮމެސްޓިކް ކަސްޓަމަރުންނަށް ފޮނުވާ ބިލުތައް އާންމުމަހަކަށް ވުރެ ބޮޑު ނުވާނެ ގޮތުގެ މަތިން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލުތައް:

  • އާންމު މަހެއްގައި ފެނާއި ކަރަންޓު ބިލުގެ މިންވަރު ކަމުގައި ބަލާނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ، މާޗު އަދި އެޕްރީލް މަސް ނުހިމަނާ އެ އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވްރޭޖް މިންވަރަށް
  • އެގޮތުން ކަނޑައެޅޭ އާންމު މަހުގެ ބިލުގެ މިންވަރަށްވުރެ އެޕްރީލް މަހު ތައްޔާރު ކުރެވޭ ބިލް ބޮޑުނަމަ، އެ ބޮޑުވާ މިންވަރު ޑިސްކައުންޓުގެ މިންވަރު މަތިކޮށްދޭނެ
  • މިގޮތުން އުނިކޮށްދޭ މިންވަރަކީ އެޕްރީލް މަހު ފޮނުވާ ބިލުގެ 10 ޕަސަންޓަށްވުރެ ކުޑަމިންވަރެއް ކަމުގައިވަނީނަމަ 10 ޕަސަންޓާ އެއްވަރަށް ޑިސްކައުންޓް މަތިކޮށްދޭނެ
  • އޭޕްރީލް މަހު ފޮނުވާ ބިލު އާންމު މަހުގެ ބިލަށްވުރެ ކުޑަ ނަމަ ޑިސްކައުންޓުގެ ގޮތުގައި އެޕްރީލް މަހު ފޮނުވާ ބިލުން 10 ޕަސަންޓް ޑިސްކައުންޓް ދޭނެ
  • އެޕްރީލް މަހުގައި އަލަށް ބިލްކުރެވޭ މީޓަރުތަކަށާއި ކުރިން ރަޖިސްޓްރީ ކޮށްފައިވާ ނަމަވެސް، މިހާތަނަށް ބިލުކުރެެވިފައި ނުވާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ އަންނަ އެޕްރީލް މަހު ފޮނުވާ ބިލު ކަމުގައިވަނީނަމަ، އެފަދަ ފަރާތްތަކަށްވެސް އެޕްރީލް މަހު ފޮނުވާ ބިލުން 10 ޕަސަންޓް ޑިސްކައުންޓް ލިބޭނެ

އެމްޑަބްލިޔުއެސްސީ ބުނީ އެ އުސޫލުތަކާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ނަމަ 105 ގުޅައިގެން ނުވަތަ 1050 އެސްއެމްއެސް ކޮށްގެން ނުވަތަ [email protected] މެއިލްކޮށްގެން އެ މައުލޫމާތެއް ލިބޭނެ ކަމަށެވެ.

މި އަހަރުގެ ރޯދަ މަހު ވެސް ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ލިބޭނެ ކަމަށް ރައީސް އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އއ. މަތިވެރިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.