ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކުރާ މެޑިކަލް ކޮލެޖަށް ބޭނުންވާ ސާމާނު ހޯދަން އިއުލާންކޮށްފި

ރާއްޖޭގައި އެންމެ ފުރަތަމަ ގާއިމް ކުރުމަށް ހަމަޖެހިފައިވާ މެޑިކަލް ކޮލެޖަށް ބޭނުންވާ ސާމާނު ގަތުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެދުމުގެ މަތިން ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކުރެވޭ ޔުނިވާސިޓީގެ މެޑިކަލް ސްކޫލަށް ބޭނުންވާ ފަރުނީޗަރާއި ފިކްސްޗަސް އާއި އިކުއިޕްމަންޓުގެ އިތުރުން ކެމިސްޓްރީ ލެބް އިކުއިޕްމަންޓް ސަޕްލައި ހޯދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އަދި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

މެޑިކަލް ސްކޫލަށް ބޭނުންވާ ފަރުނީޗަރާއި، ފިކްސްޗަސް އަދި އިކުއިޕްމަންޓްގެ ބިޑްސެކިޔުރިޓީގެ ގޮތުގައި ސާޅީސްހާސް ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި ކެމިސްޓްރީ ލެބް އިކުއިޕްމަންޓް ބިޑްސެކިޔުރިޓީގެ ގޮތުގައި ފަނަރަހާސް ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 118 ދުވަސް ކަމަށް ފިނޭންސުން ބުނެއެވެ.

ފީ ބަލައިގަތުމަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 12:00 އަށެވެ.

އަދި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު 13 ވަނަ ދުވަހުގެ 11:00 ގައި އެ މިނިސްޓްރީގެ ނޭޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައެވެ.