މިއަހަރުގެ ބޮޑު ''ސުޕަރ މޫން'' މިރޭ ދުނިޔެއަށް ފެންނާއެވެ.
މިރޭ ފެންނަ ސުޕަ މޫން އަކީ މިއަހަރު ދުނިޔެއާ އިންމެ ކައިރިން ހަނދު ފެންނާނެ ސުޕަ މޫން އެކެވެ.
ފަލަކީ ހިސާބުތަކުން ދައްކަނީ މިރޭ ފެންނާނީ ސުޕަ މޫންއެއްގެ އިތުރުން ބްލޫ މޫން އެކެވެ. އެއް މަސް ތެރޭ ފުރިހަމަ ދެ ހަނދު ފެނިއްޖެނަމަ އެ ހަނދަށް ކިޔާ އުޅެނީ ބްލޫ މޫން އެވެ. ނަމަވެސް ހަނދު ހުންނާނީ ނޫކުލައިގައެއް ނޫނެވެ. މިރޭގެ ބްލޫމޫން އަށް ފަހު ދެން ބްލޫ މޫން އެއް ފެންނާނީ 2037 ވަނަ އަހަރު އެވެ.
ރާއްޖެ ގަޑިން މިއަދު ހަވީރު 17:49 ގައި ހަނދު ފެންނަން ފަށާނެ އެވެ. އަދި ހަނދު އޮއްސޭނީ މާދަމާ ހެނދުނު 06:06 ގައެވެ. ނަމަވެސް ހަނދު ދުނިޔެއާ ކައިރިވާ ވަގުތު ރާއްޖެއަށް ހަނދެއް ނުފެންނާނެއެވެ.
މިރޭގެ ހަނދު ދުނިޔެއާ އެންމެ ކައިރި ވާނީ މާދަމާ ރާއްޖެ ގަޑިން ހެނދުނު 06:35 ގައެވެ. ރާއްޖެއަށް ހަނދު އޮއްސޭނީ 06:06 ގައި ކަމުން ސުޕަ މޫން ރާއްޖެއަށް އެންމެ ފުރިހަމައަކަށް ނުފެންނާނެއެވެ.
ދުނިޔެއާ އެންމެ ކައިރިޔަށް ހަނދު ޖެހިލާ ވަގުތު ހަނދާއި ދުނިޔެއާ ދެމެދު ހުންނާނީ 357،344 ކިލޯ މީޓަރެވެ.
ހަނދު އެންމެ ކައިރިވާ ވަގުތު ހަނދު ފެންނާނީ އާންމުކޮށް ފެންނަ ވަރަށް ވުރެން 14 ޕަސެންޓް ބޮޑު ކޮށެވެ. އަދި އާންމު ދުވަސްދުވަހަށް ވުރެން ހަނދުގެ އަލިކަން 30 ޕަސެންޓް އިތުރުވާނެއެވެ.