އެމްއެންޑީއެފް

އަލިފާނުގެ ހާދިސާތައް ހިނގަނީ ހޫނުގަދަވެގެން ކަމަކަށް ނުބެލެވޭ، ފަރުވާ ކުޑަވުމުގެ ސަބަބުން

މިދުވަސްވަރު އަލިފާނުގެ ހާދިސާތައް އިތުރުވަމުންދަނީ ހޫނު ގަދަ ވުމުގެ ސަބަބުން ކަމަށް ނުބެލެވޭ ކަމަށާއި އެފަދަ ހާދިސާތައް ހިނގަނީ ފަރުވާކުޑަ އަމަލުތައް ހިންގުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ފަޔަރ ކޮމާންޑަރު އަބްދުﷲ އިބްރާހީމް ވިދާޅުވީ މިދުވަސްވަރު އަލިފާނުގެ ގިނަ ހާދިސާތަކެއް ހިނގަމުންދާކަމަށެވެ.

އަދި އަލިފާނުގެ ހާދިސާތައް ހިނގިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

އެގޮތުން ގޭގެ ކަރަންޓް ވަޔަރުތައް އަހަރަކު އެއްފަހަރު ޗެކްކުރުމާއި އޭސީތައް ސާފުކޮށް ބެލެހެއްޓުމާއި ކަރަންޓް ބޯޑަށް ލޯޑުބޮޑުވާހެން އިތުރަށް ވައިރު ނަރުތައް ނޭޅުމާއި ސިގިރެޓް ބުއިމަށްފަހު ފިލްޓަރު އެއްލައި ނުލުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

މިދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެއް ނަމަވެސް، އެކަމުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގާފާނެކަމަށް ނުބެލެވޭ ކަމަށާއި އެފަދަ ހާދިސާތައް ހިނގަނީ ފަރުވާކުޑަ އަމަލުތައް ހިންގުމުގެ ސަބަބުން ކަމަށް އަބްދުﷲ އިބްރާހީމް ވިދާޅުވިއެވެ.