އިންޑިއާގެ ފުރަތަމަ އިރުގެ މިޝަން އަންނަ މަހުގެ ދެވަނަ ދުވަހު ލޯންޗު ކުރަން ނިންމައިފިއެވެ.
އިންޑިއާގެ ޖައްވީ އިދާރައާ ބެހޭ މައި އިދާރާ އިސްރޯ އިން ވަނީ އެގައުމުން ހަނދަށް ފޮނުވާލި ''ޗަންދްރަޔާން -3 '' ގެ ކާމިޔާބަށްފަހު ދެން އޮތް މިޝަންގެ މައުލޫމާތު ހިއްސާކޮށް ޓުވީޓެއް ކޮށްފައެވެ.
އިސްރޯ އިން ކޮށްފައިވާ ޓުވީޓުގައި ވާގޮތުން އިންޑިއާއިން އިރުގެ ތަހުލީލުތަކަށް ފޮނުވާ މިޝަން ''އަދިތިޔާ-އެލް 1'' އަކީ ސޯލާ އޮބްޒަވޭޓަރެކެވެ.
އިންޑިއާއިން ރާވާފައިވާ ގޮތަށް ސޯލާ މިޝަން ކުރިޔަށް ގޮސްފިނަމަ އަންނަމަހު ފޮނުވާލާ އުޅަނދު ސޯލާ ސިސްޓަމުގެ ހަލޯ އޭރިއާގައި އޯބިޓް ވާނެ އެވެ. އެއީ ދުނިޔެއާ 1.5 މިލިއަން ކިލޯމީޓަރު ދުރު ހިސާބެކެވެ.
''އަދިތިޔާ-އެލް 1'' މިޝަން ގައި އިރުގެ ހަރަކާތްތައް ބެލުމުގެ އިތުރުން އިރުގެ ސަބަބުން ސޯލާ ސިސްޓަމަށް ދިމާވާ ބަދަލުތައް ބެލުމަށް ވަނީ ހަމަޖެހިފައެވެ.