ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މާދަމާގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމަށް ނިންމައިފިއެވެ.
ސައުދީ އަރަބިއްޔާއަށް މިމަހުގެ ހަތްވަނަ ދުވަހު ވަޑައިގެންނެވުމަށް ފަހު ފަސްޓް ލޭޑީ ފާތުން މާދަމާ ހެނދުނު އެނބުރި ރާއްޖެ ވަޑައިގަތުމަށް ނިންމާފައިވާކަން "ވަން"އަށް ވަނީ ކަށަވަރުވެފައެވެ. އެކަން ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ވެސް ދަނީ ވިދާޅުވަމުންނެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ފަސްޓް ލޭޑީ ފާތުން ފިއްލެވީ ކަމަށް ގިނަ ބަޔަކު ބުނަމުންދިޔައެވެ. މައުލޫމާތު ލިބޭގޮތުގައި ފަސްޓް ލޭޑީ ސައުދީއަށް ވަޑައިގެންނެވީ އުމްރާގެ އަޅުކަމަށެވެ. ނަމަވެސް ރަސްމީ ފަރާތަކުން އެކަމަނާގެ ދަތުރުފުޅާ ގުޅޭގޮތުން ވާހަކަދައްކަވައިފައެއް ނުވެއެވެ.
ފަސްޓް ލޭޑީ އެނބުރި ރާއްޖެ ވަޑައިގަންނަވަން ނިންމާފައި މިވަނީ ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި، ފުރާވަޑައިގަންނަވަން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވެމުން ދަނިކޮށެވެ. އެ މައުލޫމާތުތައް ލިބިގެން ގުޅިފައިވާ ޕާޓީތަކުން ވަނީ އެކަން ހުއްޓުވައި ދިނުމަށް އެދި މިރޭ ފުލުހުންނަށް މައްސަލަ ވެސް ހުށަހަޅައިފައެވެ.