ދުނިޔެ

ނީޖަރުގެ އަސްކަރިއްޔާ އެއޮތީ ދޫދޭގޮތަކަށް ނޫނެވެ.

އިމާދު ލަތީފު

ނީޖަރުގެ ޖެނެރަލް އަބްދުއްރަހުމާނު ޗިއާނީއަކީ އެއްދުވަސްވަރެއްގައި ދުނިޔޭގެ އެކި ގައުމުތަކުގައި ސުލްހަ ގާއިމު ކުރުމުގެ މަސައްކަތުގައި އުޅުއްވި އޮފިސަރެކެވެ. އޭނާގެ ހުނަރަކީ ހަމަނުޖެހުމާއި ތަޅާފޮޅުން އުފެދިފައިވާ ގައުމުތަކަށް ހިމޭންކަން ގެނައުމެވެ. އެކަމަކު އެންމެފަހުން އޭނާގެ އަމިއްލަ ގައުމުކަމުގައިވާ ނީޖަރަށް އަސްކަރީ އިންގިލާބެއް ގެންނަވައި ވެރިކަން ފުރޮޅާލައްވައި މުޅި އެފްރިކާގައި ރާޅުބާންޏެއް އުފައްދަވައިފިއެވެ. މި އިންގިލާބުގެ ކުރިން ޖެނެރަލް ޗިއާނީއަކީ އެތެރެއާއި ބޭރުގައިވެސް މާގިނަބަޔަކު ދަންނަ ބޭފުޅެއް ނޫނެވެ. އިންގިލާބާ ހަމަޔަށް އޭނާ ހުންނެވީ ނީޖަރުގެ ރިޔާސީ ގާޑުންގެ ކޮމާންޑަރަކަށެވެ. ރައީސް މުހައްމަދު ބަޒޫމް ހިމާޔަތް ކުރުމުގެ ޒިންމާއާ ހަވާލުވެގެންނެވެ. އެކަމަކު ރައީސް ބަޒޫމްގެ ވެރިކަން ބަދަލުކޮށް އޭނާ ހައްޔަރުކޮށް ގައުމާއި ހަވާލުވުމަށް ޖެނެރަލް ޗިއާނީ ނިންމަވައިފިއެވެ.

މި އިންގިލާބެއް ޖެނެރަލް ޗިއާނީ ގެންނެވީ ހުސްވި ޖުލައިމަހު ސައްބީސްވަނަ ދުވަހުއެވެ. އެއަށްފަހު ވެރިކަން ހިންގުމަށް އަސްކަރީ ކޮމިޓީއެއް އުފައްދަވައި އެކޮމިޓީގެ ވެރިޔަކީ ތިމަންނާއޭ ވިދާޅުވެ އިއުލާން ކުރައްވާފައިވެއެވެ. ވެރިކަމުން ދުރުކުރެވުނު ރައީސް މުހައްމަދު ބަޒޫމް ހުންނެވީ ރިޔާސީ ގަނޑުވަރުގައި ބަންދުކުރެވިފައެވެ. ބޭރަށް ވަޑައިގަތުމުގެ ހުއްދައެއް ނެތެވެ. މީހުންނާ ބައްދަލުކުރެެއްވުމުގެ މިނިވަންކަމެއްވެސް ނެތެވެ. އެކަމަކު ޓެލެފޯނުން އެތެރެއާއި ބޭރުގެ ރަހުމަތްތެރިންނާ ވާހަކަފުޅު ދެއްކެވެއެވެ. އެނޫން އެހެން މިނިވަންކަމެއް ނެތެވެ. ދުނިޔޭގެ ހުރިހައި ކަންކޮޅުތަކުންވެސް ޖެނެރަލް ޗިއާނީގެ މި އިންގިލާބު ކުށްވެރިކޮށް ރައީސް ބަޒޫމް މިނިވަންކޮށް ވެރިކަން އަލުން ހަވާލު ކުރުމަށް ކެނޑިނޭޅި ދަނީ ގޮވަމުންނެވެ. އެކަމަކު މިއަޑުތަކެއް ޖެނެރަލް ޗިއާނީ ނާއްސަވައެވެ.

ނީޖަރުގެ އިންގިލާބަށް ތިން ހަފުތާ ފާއިތުވެގެންދިޔައިރު ބައިނަލްއަގުވާމީ މުޖުތަމައުގެ އިލްތިމާސް ޖެނެރަލް ޗިއާނީއަށް އިއްވުމަށްޓަކައި އެކިއެކި ގައުމުތަކާއި ޖަމާއަތްތަކުގެ ވަރަށް ގިނަ ވެރިންނާއި މަންދޫބުންވެސް ނީޖަރަށް ވަޑައިގެންފިއެވެ. ޖެނެރަލް ޗިއާނީ ބައްދަލުކުރެއްވީވެސް މިތަނުން ހަމައެންމެ ބޭފުޅަކާއެވެ. އެއީ އަވަށްޓެރި ނައިޖީރިޔާގެ މަންދޫބެއްގެ ގޮތުން ވަޑައިގެންނެވި އެގައުމުގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު މުހައްމަދު ސަނޫސީއެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ނާއިބު ވިކްޓޯރިއާ ނޫލަންޑް ވަޑައިގެންނެވުމުން އޭނާއާ ބައްދަލުކުރައްވަން ޖެނެރަލް ޗިއާނީ އިންކާރު ކުރެއްވިއެވެ. ހުޅަނގު އެފްރިކާގެ އިގްތިސާދީ ޖަމާއަތް ކަމުގައިވާ އެކޯވާސްގެ ބޮޑު ވަފުދެއް ދިއުމުން އެވަފުދަށް އެއަރޕޯޓުން ނުކުތުމުގެ ހުއްދައެއްވެސް ނުލިބުނެވެ. މިކަމުގައި ޖެނެރަލް ޗިއާނީ ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ.

އދ. އާއި އެފްރިކަން ޔޫނިއަން ގުޅިގެން އައު ވަފުދެއް ފޮނުވާން އުޅުނީމާ ނީޖަރުގެ އަސްކަރިއްޔާއިން ބުންޏެވެ. އިހަށް މަޑުކުރާށެވެ. މިއީ ވާހަކަދެއްކުމަށް އެކަށޭނަ ވަގުތެއް ނޫނެވެ. ކޮންމެއަކަސް ޖެނެރަލް ޗިއާނީ އެގެންދަވަނީ އޭނާގެ ހަރުކަށިކަން ދައްކަވަމުންނެވެ. މާގިނަގިނައިން ތަގުރީރު ދެއްވައި އެއްވުންތަކަށް ނުކުމެވަޑައިގެން އުޅުއްވުމެއްވެސް ނެތެވެ. އަސްކަރިއްޔާއަށް ތާއީދުއޮތްކަން ދެއްކުމަށް ވެރިރަށުގައި ބޭއްވުނު ބޮޑު އެއްވުމުގައިވެސް އޭނާ ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ވެރިކަން ފުރޮޅައިލެއްވިފަހުން އާންމުންނަށް އޭނާ ފެނިފައިވަނީވެސް އެންމެ ތިންފަހަރުއެވެ. އެވެސް ޓީވީންނެވެ. އެހާބޮޑަށް ދުރުދުރުން އުޅުއްވުމުގެ ސަބަބަކީ މިކަން ނިމޭނޭގޮތަކާމެދު އޭނާއަށްވެސް ޔަގީންކަމެއް ނެތުން ކަމަށްވެދާނެއެވެ.

ހުޅަނގު އެފްރިކާގެ އިގްތިސާދީ ޖަމާއަތްކަމުގައިވާ އެކޯވާސްގެ ފަރާތުން ތަކުރާރުކޮށް އިންޒާރު ދީފައިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށް ނީޖަރަށް އަރައިގެންވިޔަސް ރައީސް މުހައްމަދު ބަޒޫމްގެ ވެރިކަން އިއާދަކުރާނޭ ކަމުގައެވެ. އެހެންވީމާ އަސްކަރީ ކުރިމަތިލުމެއްގެ ބިރުވެރިކަން ނުހަނު ބޮޑެވެ. ތަޖުރިބާކާރުން ބޮޑަށް ބުރަވަނީ އަސްކަރީ ފިޔަވަޅެއް އެޅުން ދުރުކަމަށެވެ. އެ ޚަރަދާއި ރިސްކުގައި ހިފުމުގެ ބުރަ ބޮޑުކަމުންނެވެ. އަދި އަސްކަރީ ފިޔަވަޅެއް އެޅުމަށް އެކޯވާސްގެ ގިނަ ގައުމުތަކުން ބޭނުންވެސް ނުވާތީއެވެ. އެހެންވީމާ ދެންއޮތީ އެންމެ މަގެކެވެ. އިގްތިސާދީގޮތުން ދަތިކޮށް ފިއްތުމެވެ. ނީޖަރަކީ މިހާރުވެސް އެންމެ ފަގީރު އެއްގައުމެވެ. އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިއްޔާ ނޭވާހޮޅިއަށް އެޅިދާނެއެވެ. އެހިސާބުން ދެން ދޫތަކެއްދޭން ޖެނެރަލް ޗިއާނީއަށް މަޖުބޫރުވެސް ވެދާނެއެވެ.

އެކިގޮތަށް ހިސާބުޖަހާނީ ހަމައެކަނި ބައިނަލްއަގުވާމީ މުޖުތަމައާއި އެކޯވާސްއަކުން ނޫނެވެ. ޖެނެރަލް ޗިއާނީ އާއި ނީޖަރުގެ އަސްކަރީ ކޮމިޓީންވެސް ހިސާބު ޖަހާނެއެވެ. ނީޖަރުގެ އަވަށްޓެރިންގެ ތެރެއިން ބުރުކީނަފާސޯއާއި ގިނީ އަދި މާލީއަށްވެސް މީގެ ދުވަސްތަކެއް ކުރިން އަސްކަރީ އިންގިލާބުތައްވަނީ ގެނެސްފައެވެ. ފުރަތަމަކޮޅު އިންޒާރުތަކެއް ދީދީފައި ފަހުން ހަނދާނެއްވެސް ނެތެވެ. ވެރިކަމުގައި އެތިބީ އަދިވެސް ޖެނެރަލުންނެވެ. އެހެންވީމާ އެތަންތަނުން ހިތްވަރުލިބިގަނެ ނީޖަރުގެ އިންގިލާބުވެސް ދާއިމީ ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ޖެނެރަލް ޗިއާނީ ވިސްނަވަނީ ކަމަށް ވެދާނެއެވެ. އަދި ރަޝިޔާގެ ސިޔާސީ މަދަދާއި ވެގްނާރ ގްރޫޕުގެ އަސްކަރީ މަދަދު ލިބެންޏާ ދެން ކޮންމެ ބަޔަކު ކޮންމެ އެއްޗެކޭ ކިޔަސް ފަރުވާލެއްނެތޭ ހީކުރައްވަނީ ކަމަށްވެސް ވެދާނެއެވެ.