މުހައްމަދު އައުޒަމް
އުތުރު ކޮރެއާގެ ބޯޑަރު ހުރަސްކޮށް އެ ގައުމަށް ވަން އެމެރިކާގެ ސިފައިންގެ މީހާ ފިލީ ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން ކަމަށް އުތުރު ކޮރެއާއިން ބުނެފިއެވެ.
އެމެރިކާ ސިފައިންގެ ޕްރައިވެޓެއް ކަމަށްވާ 23 އަހަރުގެ ޓްރޭވިސް ކިންގް އުތުރު ކޮރެއާގެ ބޯޑަރު ހުރަސްކޮށް އެ ގައުމަށް ވަނީ މިދިޔަ މަހުގެ މެދުތެރޭގައެވެ. އެ މައްސަލައިގައި އޭނާ ހުރީ އުތުރު ކޮރެއާ ސިފައިންގެ ބެލުމުގެ ދަށުގައެވެ.
ނަމަވެސް ޓްރޭވިސް ކިންގްގެ އެއްވެސް މައުލޫމާތެއް އުތުރު ކޮރެއާއިން މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ. އެއާއެކު އެމެރިކާ އިން ވަނީ އދ. މެދުވެރިކޮށް އުތުރު ކޮރެއާ އާއެކު މަޝްވަރާތައްވެސް ފަށައިފައެވެ.
އެ ފަހުން އުތުރު ކޮރެއާއިން ވަނީ ޓްރޭވިސް ކިންގް އެ ގައުމުގެ ބެލުމުގެ ދަށުގައި ހުރިކަން ކަށަވަރު ކޮށްދީފައެވެ.
އުތުރު ކޮރެއާގެ ނޫސްތަކުން ބުނާގޮތުން އޭނާ އެ ގައުމަށް އެތެރެވެފައި ވަނީ އޭނާއާ މެދު އެމެރިކާ ސިފައިން ގެންގުޅޭ ނަސްލީ ތަފާތުކުރުމާއި އިންސާނިއްޔަތާއި ހިލާފު އަމަލުތަކުގެ ސަބަބުންނެވެ.