ވިހެއުމުން ދޭ ޗުއްޓީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މުވައްޒަފުންނަށްވެސް ދޭން ނިންމައިފިއެވެ.
އޭސީސީން ބުނި ގޮތުގައި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވިހެއުމުން ދޭ ޗުއްޓީ އެކޮމިޝަނުގެ މުވައްޒަފުންނަށް ހަމަޖެހިފައިވާކަމަށެވެ.
އެގޮތުން އަންހެން މުވައްޒަފުން ވިހާނެ ކަމަށް ބުނާ ތާރީހު ބަޔާންކޮށް ސިއްހީ ހިދުމަތްދޭ ތަންތަނުން ދޫކޮށްފައިވާ ސެޓްފިކެޓް ހުށަހެޅުމުން، ސެޓްފިކެޓްގައި ބުނާ ދުވަހުން ފެށިގެން ނުވަތަ ވިހާ ދުވަހުން ފެށިގެން ހަމަސްދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށް އޭސީސީން ބުނެފައިވެއެވެ.
އަދި އަނބިމީހާ ވިހާ ދުވަހުން ފެށިގެން ހަތް މަސް ދުވަސްވުމާ ދެމެދު ބަންދު ދުވަސްތައް ހިމަނައިގެން މުސާރައާއެކު އެއް މަހުގެ ޗުއްޓީ ފިރިމީހާއަށް ވެސް ލިބޭނެ ކަމަށް އޭސީސީން ބުނެފައިވެއެވެ.
އަންހެން މީހާ ވިހެއުމުން ހަމަސްދުވަހުގެ ޗުއްޓީއެއް އަދި އަނބިމީހާ ވިހެއުމުން އެއް މަހުގެ ޗުއްޓީއެއް މުސާރައާއެކު ދޭނެކަން އިއުލާންކޮށްފައިވަނީ މިއަހަރުގެ އަންހެނުންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ.