މުހައްމަދު އައުޒަމް
ފަސެންޖަރެއްގެ ސަބަބުން މެލޭޝިއަން އެއާލައިންސްގެ ފްލައިޓެއް އިމަޖެންސީގައި ޖައްސައިފިއެވެ.
ބުދަދުވަހު ސިޑްނީ އިން ކުއަލަލަމްޕޫރަށް ދަތުރުކުރަމުންދިޔަ މެލޭޝިއަން އެއާލައިންސްގެ ފްލައިޓު އެމްއެޗް 122 ވަނީ ސިޑްނީ އެއާޕޯޓުން ފުރިތާ ދެގަޑިއިރުތެރޭ އަނބުރާ އެ އެއާޕޯޓަށް ޖައްސާފައެވެ.
މެލޭޝިއަން އެއާލައިންސުން ވަނީ 194 ފަސިންޖަރުންނާއި ފަސް ކުރޫއިން ދަތުރުކުރި އެ ފްލައިޓު ރައްކާތެރިކަމާއެކު ސިޑްނީއަށް ޖައްސައި ހުރިހާ ފަސިންޖަރުން ރައްކާތެރިކަމާއެކު ފްލައިޓުން ބާލައިފައެވެ.
ހުރިހާ ފަސިންޖަރުން ބޯޓުން ބާލައި އިމަޖެންސީ ރެސްޕޮންސް ޓީމުން ފްލައިޓު ބަލައި ފާސްކޮށްފައިވާކަމަށް ސިޑްނީގެ ފުލުހުން ބުނެއެވެ. އެއަށްފަހު އެއްވެސް ނުރައްކަލެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ 45 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ. އެމީހާ ބަންދުކޮށް ދައުވާކުރަން ފޮނުވާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.
ސިޑްނީ އެއާޕޯޓަށް އިމަޖެންސީކޮށް ފްލައިޓު ޖެއްސުމުން އެ އެއާޕޯޓުގެ އޮޕަރޭޝަނަށްވެސް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެގޮތުން 23 ޑޮމެސްޓިކް ފްލައިޓު 90 މިނެޓަށް ޑިލޭވެގެން ދިޔަ ކަމަށް އޮފިޝަލުން ބުނެއެވެ.