މުހައްމަދު އައުޒަމް
ހަނދުން ފެން ހޯދުމަށް ރަޝިޔާއިން ފޮނުވި އުޅަނދު މިމަހުގެ 21 ވަނަ ދުވަހު ހަނދަށް ތިރިކުރާނެ ކަމަށް އެ ގައުމުގެ ޖައްވީ އިދާރާއިން ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހު ރަޝިޔާއިން ވަނީ ލޫނާ-25 ނަމުން ނަންދީފައިވާ އެ އުޅަނދު ރޮކެޓެއްގެ އެހީގައި ޖައްވަށް ފޮނުވައިފައެވެ.
ހަނދުގެ ދެކުނު ފަޅީގައި ފެން ހުރިކަމަށް ޖައްވީ ދިރާސާތަކުން ހޯދިފައިވުމާއެކު ރަޝިޔާއިން ފޮނުވާލި އުޅަނދު އެކަން ޔަގީން ކުރުމަށް ދިރާސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ލޫނާ-25 ރައްކާތެރިކަމާއެކު ހަނދުގެ ދެކުނު ފަރާތަށް ތިރިކޮށްފި ނަމަ ރަޝިއާ ވެގެން ދާނީ ހަނދުގެ އެސަރަހައްދަށް އުޅަނދެެއް ތިރިކުރާ ފުރަތަމަ ގައުމަށެވެ.
ރަޝިޔާގެ ޖައްވީ އިދާރާ ރޮސްކޮމޯސް އިން ވަނީ ލޫނާ-25 ގެ ދަތުރު ހަނދާއި ދިމާލަށް ފަށާފައިވާކަމަށް ބުނެފައެވެ. އެ އިދާރާއިން ވަނީ ލޫނާ-25ގެ ސިގުނަލް އެއިދާރާއަށް ފުރިހަމައަށް ލިބޭކަމަށް ބުނެފައެވެ. އަދި ރޭވިފައިވާ ގޮތަށް ކުރިޔަށް ދާނަމަ މިމަހުގެ 21 ވަނަ ދުވަހު އެއުޅަނދު ހަނދަށް ތިރިކުރާނެ ކަމަށް ރޮސްކޮމޯސް އިން ބުނެފައިވެއެވެ.
ރޮސްކޮމޯސްގެ ލޫނާ-25 އަކީ އިންޑިއާއިން ހަނދަށް ފޮނުވާލި ޗަންދްރަޔާން-3 އާއި ވާދައަށް ފޮނުވާލި އުޅަނދެއްކަމަށް ބައެއްފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
ކުޑަ ކާރެއްގެ ސައިޒުގެ ލޫނާ-25 ހަނދަށް ތިރިކުމަށްފަހު ދިރާސާކުރުމަށް ހަނދުން ބައެއް ސާމްޕަލް އެއްކުރުމަށްވެސް ހަމަޖެހިފައިވެއެވެ.