މަސްޖިދުލް ހަރަމްގައި ދީނީ ސުވާލުތަކަށް ޖަވާބުދޭ ރޮބޮޓެއް ބަހައްޓައިފިއެވެ.
މައްކާގެ މަސްޖިދުލް ހަރަމްގައި ބަހައްޓާފައިވާ އެ ރޮބޮޓް މަސައްކަތް ކުރާނީ އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް މިސްކިތަށް އަޅުކަމަށް ޒިޔާރާތްކުރާ ފަރާތްތަކަށް އެމީހުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ދެވޭފަދަ ގާބިލުކަމާއެކުގައެވެ.
މަސްޖިދުލް ހަރަމްގެ އޮފިޝަލުން ވަނީ އެރޮބޮޓު މެދުވެރިކޮށް 11 ގައުމެއްގެ ބަހަކަށް ތަރުޖަމާކޮށްދޭނޭއެވެ. އޭގެތެރޭގައި އަރަބި ބަހުގެ އިތުރުން އިނގިރޭސިއާއި ފެރެންޗުގެ އިތުރުން ޕާސިއަން އަދި ތުރުކީ ބަސް ހިމެނެއެވެ. މީގެ އިތުރުން މެލޭ، އުރުދޫ، ޗައިނީސް ބަހާއި ބަންގާލީ ބަހުގެ އިތުރުން ހައުސާ ބަހަށް ތަރުޖަމާ ކުރެވޭނެއެވެ.
21 އިންޗީގެ ޓަޗް ސްކްރީނެއް އެކުލެވޭ އެރޮބޮޓުގެ އެހީގައި ސުވާލުކުރާ ފަރާތްތަކަށް ރިމޯޓުކޮށް ޝެއިހުން ޖަވާބު ދެވޭނެ ހިދުމަތްވެސް ދެވޭނެކަމަށް އޮފިޝަލުން ބުނެއެވެ.
އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ އެރޮބޮޓްގައި ހައި ރިސޮލިއުޝަން ކެމެރާގެ އިތުރުން އެންޓި ކޮލިޝަން ސެންސަރުތަކާއި ހައި ކްލިޔަރިޓީ ސްޕީކަރުގެ އިތުރުން މައިކު ހުންނާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ސައުދީ ރަސްގެފާނުގެ ހާއްސަ ބެއްލެވުމުގެ ދަށުން ގެންދަނީ ހައްޖާއި އުމްރާ އަށް އެގައުމަށް އަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއްގައި ކަންކަން ކުރުމުގެ އިންތިޒާމު ގާއިމްކުރުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އާއީޖާދުތަކެއް ގާއިމްކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.