ދުނިޔެ

މިސްރުގެ ޓީމަކުން ޓެސްޓު ޕޭޕަރު ބަހާނެ ރޮބޮޓެއް އުފައްދައިފި

މުހައްމަދު އައުޒަމް

މިސްރުގެ ޓީމަކުން ޓެސްޓު ޕޭޕަރު ބަހާނެ ރޮބޮޓެއް އުފައްދައިފިއެވެ.

މިސްރުގެ ކަފްރު އަލް ޝެއިހް ޔުނިވާސިޓީގެ ދަރިވަރުންގެ ޓީމަކުން އުފެއްދި އެ ރޮބޮޓު ކޮންޓްރޯލް ކުރާނީ އާޓިފިޝަން އިންޓެލިޖެންސް ބޭނުންކޮށްގެން އެޕެއްގެ އެހީގައި ކަމަށް އެ ޔުނިވަސިޓީން ބުނެއެވެ.

ޔުނިވަސިޓީގެ ޕްރޮފެސަރެއްގެ އިރުޝާދުގެ ދަށުން 12 ކުދިންގެ ޓީމުން އުފެއްދި އެ ރޮބޮޓް ބޭނުން ކޮށްގެން އެ ޔުނިވަސިޓީގެ އެކި ސަރަހައްދުތަކަށް ޕޭޕަރު ބަހައިލުމުގެ އިތުރުން އެކި ޑޮކިއުމެންޓު ޔުނިވަސިޓީގެ އެކި އިމާރާތްތަކަށް ގެންދެވޭނެއެވެ.

އާޓިފިޝަލް އިންޓެލިޖެންސުގެ އެހީގައި ރޮބޮޓް އޮޕަރޭޓިން ސިސްޓަމެއް އެކުލެވޭ އެ ރޮބޮޓު އެއްފަހަރު ދާތަނެއް ދަސްކޮށް ދެވަނަ ފަހަރު އެތަނަކަށް ފޮނުވުމުގައި އެއްވެސް ފަރާތެއްގެ ކޮމާންޑެއް ބޭނުން ނުވެ ކުރިޔަށް ދާކަމަށް ދަރިވަރުން ބުނެއެވެ.

ދަރިވަރުންގެ ޓީމުން ވަނީ އެމީހުންގެ ޔުނިވަސިޓީގައި އުފެއްދި ރޮބޮޑްގެ ޓެސްޓު ދަތުރުތައް ކޮށް ކާމިޔާބު ހޯދައިފައެވެ. އެއާއެކު ރޮބޮޓްގެ އެހީގައި އެ ޔުނިވަސިޓީއަށް ފައިދާ ހޯދުމަށް ދާއިމީކޮށް ބޭނުންކުރުމަށް އިތުރު ޓެސްޓުތައް ހަދަމުން އަންނަ ކަމަށް ޓީމުން ބުނެއެވެ.