މުހައްމަދު އައުޒަމް
ޒޫމް އިން އެ ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރުމަށް އޮފީހަށް ނުކުތުމަށް އަންގައިފިއެވެ.
ކޮވިޑްގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ހުއްޓުނު އިރު ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ މަގުފަހިކޮށްދީފައިވާ އެއް ކުންފުނި ޒޫމް އިން ވަނީ އެ ކުންފުނީގެ މުވައްޒަފުންވެސް އޮފީހުގައި މަސައްކަތް ކުރަން ވީ ވަގުތު ޖެހިފައިވާކަމަށް އަންގާފައެވެ.
ޒޫމް އިން ނެރެފައިވާ ބަޔާނެއްގައި ވަނީ އެ ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރުމަށް ހައިބްރިޑް ގޮތްތަކެއް ބޭނުންކުރުމަށް އެދިފައެވެ.
ޒޫމް އިން ވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން އޮފީސް ކައިރީގައި ދިރިއުޅޭ މުވައްޒަފުން ހަފުތާއަކު ދެ ދުވަހު އޮފީހަށް ހާޒިރުވެގެން މަސައްކަތް ކުރުމަށް އަންގާފައެވެ.
ޒޫމް އިން އޮފީހުގައި މަސައްކަތް ކުރުމަށް ނިންމާފައިވީ ނަމަވެސް މިއީ އެ ކުންފުނިން ކޮންމެ ދުވަހަކު ކުރުމަށް ނިންމާފައިވާ ކަމެއް ނޫނެވެ. ޒޫމްގެ ބަޔާނުގައި ވާގޮތުން ކުންފުނީގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް މަސައްކަތް އިތުރަށް ފުރިހަމަކުރުމުގެ ނިޔަތުގައި އޮފީހުގައިކުޑަވަގުތުކޮޅަކު ނަމަވެސް މަސައްކަތް ކުރުމަކީ މުހިންމު ކަމަކަށް ވާތީ، އެ ގޮތަށް ނިންމަނީ އެވެ.
ކޮވިޑްގެ ބަލިމަޑުކަމަށްފަހު އޮފީސްތަކުން މުވައްޒަފުން އޮފީހަށް ހާޒިރުކޮށްގެން މަސައްކަތް ކުރުވަން ފަށާފައިވާއިރު ދުނިޔޭގެ ބޮޑެތި ޓެކް ކުންފުނިތަކުން ވެސް ވަނީ އެގޮތަށް ގަވާއިދު ބަދަލު ކޮށްފައެވެ.