ދުނިޔެ

ސުއެޒް ކެނަލްގައި ހިނގި އެކްސިޑެންޓެއްގައި ޓަގު ބޯޓެއް އަޑިޔަށް ހިނގައްޖެ

މުހައްމަދު އައުޒަމް

ސުއެޒް ކެނަލްގައި ހިނގި އެކްސިޑެންޓެއްގައި ޓަގު ބޯޓެއް އަޑިޔަށް ހިނގައްޖެއެވެ.

ސުއެޒް ކެނަލްގައި އެހާދިސާ ހިނގަން މެދުވެރިވީ ޓަގު ބޯޓާއި ކައްކާ ގޭސް އުފުލާ ޓޭންކަރެއް ޖެހިގެން ކަމަށް ކެނަލްގެ އޮފިޝަލުން ބުނެއެވެ.

ޓަގު ބޯޓު އަޑިޔަށް ގޮސްފައިވާ އިރު، ބޯޓުން ދަތުރުކުރި ހަތް މީހުން ވަނީ ރެސްކިއުޓީމުން ސަލާމަތްކޮށްފައެވެ. އަދި އަޑިޔަށް ދިޔަ ޓަގު ބޯޓު ނެގުމުގެ މަސައްކަތް ކްރޭން މެދުވެރިކޮށްގެން ކުރިޔަށް ދާކަމަށް އޮފިޝަލުން ބުނެއެވެ.

އެކްސިޑެންޓު ހިނގުމާއެކު ޓަގު ބޯޓު އަޑިޔަށް ގޮސްފައިވާ އިރު، ސުއެޒް ކެނަލްގެ އޮފިޝަލުންގެ ބެލުމުގެ ދަށަށް ގޭސް ޓޭންކަރު ވަނީ ގެނެސްފައެވެ. އެކްސިޑެންޓުގެ މައްސަލައިގައި ތަހުގީގު ފަށާފައިވާ އިރު، ހުރިހާ ކަމެއް ނިމުމުން ބޯޓު ދޫކޮށްލާނެ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

މިއެކްސިޑެންޓުގައި ގޭސް ޓޭންކަރަށް ގެއްލުމެއް ވެފައިނުވާ ކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައެވެ.