އިބްރާހިމް ޒަކީ
ފަންސަވީސް ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުން ހިދުމަތް ދޭން ފަށައިފި އެވެ.
އައިޖީއެމްއެޗުގެ ތަރުޖަމާން، މުހައްމަދު މުފީދު "ވަން އޮންލައިން"އަށް މިއަދު ވިދާޅުވީ، ހުސްވި މާޗް މަހުގެ 30އިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުން ހިދުމަތްދޭން ފަށާފައިވާ ކަމަށެވެ.
"އައިޖިއެމްއެޗްގެ ފިޒިއޮތެރަޕީބައި އެތަނަށް ބަދަލުކޮށް ހުސްވި މާޗު މަހުގެ ތިރީހުން ފެށިގެން ހިދުމަތް ދެމުން މިގެންދަނީ، މިހާރު ފިޒިއޮތެރަޕީއާބެހޭ ހިދުމަތް ލިބޭނީ 25 ބުރީގެ އިމާރާތުން،" މުފީދު ވިދާޅުވިއެވެ.
މުފީދު ވިދާޅުވީ އެހިދުމަތް ފަށާފައިވަނީ އިމާރާތުގެ ހަތަރުވަނަ ބުރީގައި ކަމަށާއި، އެހެން ހިދުމަތްތައްވެސް މަޑު މަޑުން އެ އިމާރާތަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މުފީދު އިތުރަށް ވިދާޅުވީ، ކުރިހާ ހިދުމަތެއް ވެސް އެ އިމާރާތުގެ ކަނޑައެޅިފައިވާ ފްލޯތަކަށް ޕްލޭނާ އެއްގޮތަށް ބަދަލު ކުރަމުން އަންނަ ކަމަށެވެ. އަދި އޭގެން ކޮންމެ ހިދުމަތެއްވެސް ދެވޭ ވަރަށް ހަމަޖެހުމުން އެއިމާރާތުން އެ ހިދުމަތެއް ލިބޭގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.
ނަމަވެސް މުފީދު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވާނެ ވަކި ތާރީހެއް އަދި ކަނޑައެޅިފައިނުވާ ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވާއިރު އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތައް އެ އިމާރާތައް ބަދަލުކުރަން ވަނީ ހަމަޖައްސައިފަ އެވެ.
އޭގެ ތެރޭގައި އޯޕީޑީ އާއި އެކްސްރޭ އާއި އެމްއާރުއައި، އާއި ފިޒިއޮތެރަޕީ، އާއި ސްޕޯޓްސް ތެރަޕީގެ އިތުރުން އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓްގެ ހިދުމަތް ހިމެނެ އެވެ. ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކޮށްފައިވަނީ، އައިޖީއެމްއެޗުގެ ތެރެއިން ގުޅިފައިވާ މަގަކުން އެ ހޮސްޕިޓަލަށް ދެވޭގޮތަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ، އައިޖީއެމްއެޗަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމާއި، ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް އަމާޒުކޮށްގެން ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.
ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދި 143 މިލިއަން ޑޮލަރުގެ އެ މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފައިވާ ކަންތައްތަކެއް ހިންގާފައި ހުރި ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ.