އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އާސަންދަ އެބްރޯޑް ޕޯޓަލްއަށް ރަޖިސްޓްރީކުރުމުގެ ގޮތުން ހާއްސަ ކޭމްޕެއް މިއަދު ފަށައިފި އެވެ.
އާސަންދަ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ "އެބްރޯޑް ރެޖިސްޓްރޭޝަން ކޭމްޕް"ގެ ނަމުގައި މިއަދު ކޭމްޕެއް ފަށާފައިވަނީ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިލުއޭޓް އޮފީހުގައި ކަމަށެވެ.
އެ ކޭމްޕް ކުރިއަށްދާނީ މިއަދުން ފެށިގެން މިހަފްތާގެ ބުރާފަތި ދުވަހުގެ ނިޔަލަށް ކަމަށް އާސަންދައިން ބުންޏެވެ.
އާސަންދައިން ބުނީ ދާދި ފަހުން ސްރީލަންކާގައި ހުންނަ އާސަންދަ އޮފީހުގައިވެސް ވަނީ އެފަދަ ކޭމްޕެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ. އެގޮތުން އެ ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 28 އިން ފެށިގެން މިމަހުގެ ހަތަރެއްގެ ނިޔަލަށެވެ.
އެ ކޭމްޕްގެ ތެރެއިން ލަންކާގައި ދިރިއުޅޭ 2،500 އަށްވުރެ ގިނަ މީހުން ރެޖިސްޓްރީ ވެފައިވާ ކަމަށް ވެސް އާސަންދައިން ބުންޏެވެ.