އެޗްޑީސީ

އެޗްޑީސީގެ މުދާތަކެއް ހުއްދަނެތި ހުޅުމާލެއިން ބޭރުކުރަން އުޅެނިކޮށް ހުއްޓަވައިފި

މުހައްމަދު އައުޒަމް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުދާތަކެއް ހުއްދަނެތި ހުޅުމާލެއިން ބޭރުކުރަން އުޅެނިކޮށް ފުލުހުން އެކަން ހުއްޓުވައިފިއެވެ.

މައުމޫލާތު ލިބޭގޮތުގައި ހުއްދަނެތި އެ މުދާތައް ހުޅުމާލެއިން ބޭރުކުރަން އުޅެނިކޮށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އާންމުންގެ ބައެކެވެ.

ހުޅުމާލެއިން ބޭރުކުރަން އުޅުނީ ދަގަނޑު ހޮޅިތަކެކެވެ. އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރިޔާސީ ކެމްޕޭނުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ދިދަފަތި ދެމުމަށް ބޭނުންކުރި ދަގަނޑު ހޮޅިތަކެއް ކަމަށް މުދާ އުފުލުމަށް ބޭނުންކުރަން އުޅުނު ދޯނި ކައިރީގައި ހަރަކާތްތެރިވި މީހަކު ބުންޏެވެ.

ދާދި ފަހުން އެޗްޑީސީގެ މުވައްޒަފުންތަކެއް ވަނީ އޭސީސީއަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފައެވެ. އޭސީސީން އެ މައްސަލަތައް ބަލަމުންދާ އިރު، އޭގެ ތެރޭގައި އެޗްޑީސީގެ ބައެއް ވަސީލަތްތައް ރައީސް ޔާމީންގެ ކެމްޕޭނުގައި ބޭނުންކުރި މައްސަލައެއް ވެސް ހިމެނެއެވެ.

އެޗްޑީސީގެ މުދާތަކެއް ހުޅުމާލެއިން ބޭރު ކުރަން އުޅެނިކޮށް އެކަން ހުއްޓުވި މައްސަލައިގައި ފުލުހުންނާއި އެޗްޑީސީން އަދި ބަހެއް ބުނެފައެއް ނުވެއެވެ.