އިމާދު ލަތީފު
ނިއުޒިލެންޑާއި އޮސްޓްރޭލިޔާގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އޮސްޓްރޭލިޔާ އަތުން ނައިޖީރިއާ މޮޅުކޮށްދިން އަޒީޒާ އޮޝޯލާއަށް ވޯލްޑްކަޕްގެ އައު ރިކޯޑަކާއެކު އިތުރު މަޝްހޫރުކަން ލިބިއްޖެއެވެ.
އޮސްޓްރޭލިޔާ ކޮޅަށް އުމުރުން 29 އަހަރުވީ އަޒީޒާ މިފަހަރު ޖެހި ލަނޑަކީ ވިދިވިދިގެން ތިންވަނަ ވޯލްޑްކަޕުގައި އޭނާ ޖެހި ލަނޑެކެވެ. އޭނާވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕާއި އަދި 2019 ވަނަ އަހަރުގެ ވޯލްޑްކަޕުގައިވެސް ލަނޑު ޖަހައިފައެވެ. އެހެންވީމާ އަޒީޒާ ހިމެނުނީ ވިދިވިދިގެން ތިން ވޯލްޑްކަޕުގައި ލަނޑުޖެހި ފުރަތަމަ އަންހެން ކުޅުންތެރިޔާ ކަމުގައެވެ.
މި ލަނޑު ޖަހައިފައި އުފަލުންގޮސް ޖޯޒީ ބާލައި އުފާ ފާޅުކުރި މަންޒަރު މުޅި ދުނިޔޭގެ އެންމެން ވަނީ ބަލައިފައެވެ. ޖޯޒީ ބޭލުނުކަމަށްޓަކައި އަޒީޒާ ވަނީ އޭނާގެ ބައްޕަގެ ކިބައިން ފަހުން މައާފަށް އެދިފައެވެ. އަޒީޒާގެ އާއިލާއަކީ މުސްލިމް އާއިލާއެކެވެ. އޭނާ ބުނެފައިވަނީ ހިތްހަމަނުޖެހިގެން އެވާހަކަ ބައްޕަ ދައްކައިފިކަމަށާއި ބައްޕަގެ ފަރާތުން މައާފަށް އެދޭ ކަމުގައެވެ. ހާލަތުގެ ގޮތުން ބޭއިޚުތިޔާރުގައި ކުރެވުނު މޮޔަ ކަމަކީ ކަމުގައެވެ.
އަޒީޒާއަކީ ސްޕޭނުގެ އަންހެނުންގެ ލީގުގައި ބާސެލޯނާގެ ފޯވާޑެކެވެ. އޭނާ ވަނީ އިންގްލެންޑުގެ އާސެނަލްއަށާއި ލިވަރޕޫލަށް އަދި ޗައިނާގެ ޑާލިއަންއަށްވެސް ކުޅެފައެވެ. އާއިލާއާ ދުރުގައި އެހެން ގައުމުތަކުގައި ފުޓްބޯޅަ ކުޅުނަސް އަޒީޒާއަކީ ދީންވެރި ޒުވާނެކެވެ. އާއިލާޔާއެކު ނައިޖީރިޔާގައި އުޅޭއިރު ބުރުގާވެސް އަޅައެވެ. އެހެންވީމާ ޖޯޒީ ބާލައިގެން އުފާ ފާޅުކުރި މަންޒަރު ފެނުނީމާ ބައްޕަޔާއި އާއިލާގެ އެހެން މީހުން ހިތްހަމަނުޖެހޭގޮތް މެދުވެރިވީއެވެ.