މުހައްމަދު އައުޒަމް
ޗައިނާގެ ފުލުހެއްގެ ފޮޓޯ ނެގި ޓައިވާން މީހަކު 1،400 ދުވަސް ފަހުން ބަންދުން ދޫކޮށްލައިފިއެވެ.
ޗައިނާއަށް ވިޔަފާރި ދަތުރެއްގައި ގޮސް އުޅުނު ޓައިވާނުގެ ލީ މެންގް ޗޫ ހައްޔަރުކޮށްފައިވަނީ 2019 ވަނަ އަހަރު އޭނާ ޗައިނާގެ ޝެންޒެން ސިޓީގައި ފުލުހެއްގެ ފޮޓޯ ނެގި މައްސަލައިގައެވެ.
ޓައިވާނުގެ ލީ ޖަލަށް ލާފައިވަނީ ޗައިނާގެ ދިފާއީ މައުލޫމާތުގެ އިތުރުން ދައުލަތުގެ ސިއްރުތައް ހޯދުމަށް ޖާސޫސް ކުރުމުގެ ކުށުގައެވެ. ނަމަވެސް ލީގެ ޖަލު ހުކުމް 2021 ވަނަ އަހަރު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.
ގޭބަންދަށް ބަދަލުކުރި ނަމަވެސް، ލީއަށް އެއްވެސް ހާލެއްގައި ޗައިނާއިން ބޭރަށް ދިއުމުގެ ހުއްދަ ދެވެން ނެތް ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ޖާސޫސް ކުރިކަމުގެ ކުށުގައި ލީ އަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް އޭނާ މިނިވަންކޮށްފައިވަނީ 1،400 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހުއެވެ.
ލީ ވަނީ އޭނާ މިނިވަންވުމުން ވަގުތުން ޗައިނާ ދޫކޮށް ފުރައިފައެވެ. ފުރުމުގެ ކުރިން ލީ ވަނީ އޭނާގެ ސަބަބުން އެގައުމަށް އެއްވެސް ގެއްލުމެއް ވެފައިވާ ނަމަ، އެކަމަށް މައާފަށް އެދި ޗައިނާގެ މީޑިއާއަށް އިންޓަވިއުއެއް ވެސް ދީފައެވެ.