މުހައްމަދު އައުޒަމް
ރަންވޭ މަތިން ޓަޔަރުގެ ބައިތަކެއް ފެނުމާއެކު އެއާ އިންޑިއާ ފްލައިޓެއް އަނބުރާ ޖައްސައިފިއެވެ.
އިންޑިއާގެ ދިއްލީން ފްރާންސްގެ ޕެރިހަށް ދަތުރުކުރަން ފުރި އެއާ އިންޑިއާ ފްލައިޓު އޭއައި 143، ފުރިތާ ގިނައިރުތަކެއް ނުވަނީސް ދިއްލީ އެއާޕޯޓުގެ ކޮންޓްރޯލް ޓަވަރުން ވަނީ ރަންވޭ މަތިން ޓަޔަރުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނި ފްލައިޓު އަނބުރާ ދިއްލީއަށް ޑައިވާޓް ކުރުވައިފައެވެ.
އެއާ އިންޑިއާގެ ތަރުޖަމާނު ވަނީ ފްލައިޓު އަނބުރާ ދިއްލީ އެއާޕޯޓުގައި ރައްކާތެރިކަމާއެކު ޖައްސާފައިވާކަމަށާއި އެއާޕޯޓުގެ ކަމާބެހޭ އޮފިޝަލުން ވަގުތުން އެ ފްލައިޓުގެ ހާލަތު ބަލާފައިވާކަމަށް ބުނެފައެވެ.
ފުލައިޓުގެ ފުރޮޅުތައް ބެލުމުން، އެ ޓަޔަރު ތަކަކީ އެ ފުލައިޓުގެ ޓަޔަރެއް ފަޅައިގެން ދިއުމުގެ ސަބަބުން އޭގެން ނެއްޓުނު ބައިތަކެއް ކަމަށް ވެސް ތަރުޖަމާނު ވަނީ ބުނެފައެވެ.
އިންޑިއާގައި ފްލައިޓުތަކުން ޓަޔަރު ފަޅައިގެން ދިއުމުގެ ގިނަ ހާދިސާތަކެއް ދާދިފަހުން ވަނީ ރެކޯޑް ކުރެވިފައެވެ. އެގޮތުން މިމަހުގެ ކުރީކޮޅު ސްޕައިސްޖެޓްގެ ފްލައިޓެއް ރަންވޭއަށް ޖެއްސުމުގެ ތެރޭގައިވަނީ ޓަޔަރު ފަޅައިގެން ދިއުމުގެ ހާދިސާއެއް ހިނގައިފައެވެ.