3ޑީ ޕްރިންޓް ކޮށްގެން އާރާސްތު ކުރާ ދުނިޔޭގެ އެންމެ ބޮޑު އަވަށުގެ މަސައްކަތް ފަށައިފިއެވެ.
އެމެރިކާގެ ޓެކްސަސްގައި އިމާރާތްކުރަމުން އަންނަ މި އަވަށުގައި ނިމިފައި ހުރި ގެތައް ވަނީ އާންމުންނަށް ދައްކާފައެވެ.
މި އަވަށުގައި އެއް ފަންގިފިލާގެ 100 ގެ ހުންނާނެ ކަމަށް ކޮންޓްރަކްޝަން އޮފިޝަލުން ބުނެއެވެ. ހުރިހާ ގެއެއް ނިންމައި އަންނަ ސެޕްޓެމްބަރުގަި އެތަންތަނުގައި ދިރިއުޅެން ފެށޭވަރުވާނެ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
މި ގެތައް ވިއްކާން ނިންމާފައިވަނީ 475،000 ޑޮލަރާއި 599،000 ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ. އެ ގެތަކުގެ ބޮޑުމިނަކީ 2،100 އަކަފޫޓެވެ.
އިމާރާތްކުރުމުގައި ހަރަކާތްތެރިވާ ކުންފުނީގެ ސީއީއޯ ޖޭސަން ބަލާޑް ވިދާޅުވެފައިވާ ގޮތުގައި، އާންމުކޮށް އިމާރާތްކޮށްފައި ހުންނަ ތަންތަނަށްވުރެ 3ޑީ ޕްރިންޓިން މެދުވެރިކޮށް އިމާރާތްކުރުމުން އިމާރާތް ކޮލިޓީވެފައި އަގުހެޔޮވާނެ އެވެ. މީގެ އިތުރުން 3ޑީ ބޭނުންކޮށްގެން އިމާރާތްކުރުމުން މަސައްކަތް އަވަސްވެފައިވާ ކަމަށްވެސް ސީއީއޯ ވިދާޅުވެފައިވެއެވެ.
މިޕްރޮޖެކްޓް ކާމިޔާބުކަމާއެކީ ނިންމާލެވިއްޖެ ނަމަ މިއީ ދުނިޔޭގެ އިމާރާތްކުރުމުގެ އިންޑަސްޓްރީއަށް 3ޑީ އިމާރާތްކުރުން އިތުރަށް ބޭނުންކުރަން ފަށަން ލިބިގެންދާނެ ހިތްވަރެއްކަމަށް ވެގެންދާނެކަމަށް ޖޭސަން ވަނީ ފާހަގަކުރައްވައިފައެވެ.